އިނގިރޭސިވިލާތަށް ދަތުރުކުރާ ނުވަތަ އެ ގައުމު މެދުވެރިކޮށް ޓްރާންސިޓްކުރާ ދިވެހި ރައްޔިތުން ދަތުރު ފެށުމުގެ ކުރިން އެ ގައުމަށް އެތެރެވުމުގެ ގަވާއިދުތަކަށް ސަމާލުވެ، އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ނުވަތަ އީޓީއޭ ހޯދަން ޖެހޭތޯ ބެލުމަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ހައިކޮމިޝަނުން ބުނީ އީޓީއޭ ހޯދަން ޖެހޭތޯ ކަށަވަރުކުރަން އިލްތިމާސްކުރީ އިނގިރޭސިވިލާތުގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ޑިޖިޓަލްކުރުމަށް އެ ގައުމުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، ވިސާއާ ނުލައި ދަތުރުކުރާ ފަރާތްތަކަށް ހަމަޖައްސާފައިވާ އުސޫލުތަކާ ގުޅިގެންކަމަށެވެ.
އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުން ހަމަޖައްސާފައިވާ ގޮތުގައި، ޗުއްޓީ ހޭދަކުރުމަށާއި އާއިލާއާ ބައްދަލުކުރުމަށް ނުވަތަ ވިޔަފާރީގެ ކުރު ދަތުރުތަކަށް އެ ގައުމަށް އެތެރެވާ ފަރާތްތަކުގެ އިތުރުން ޓްރާންސިޓްކުރާ ފަރާތްތަކުންވެސް ދަތުރު ފެށުމުގެ ކުރިން އީޓީއޭ ހޯދަން ޖެހޭނެ އެވެ.
އީޓީއޭއަކީ ވިސާއެއް ނޫނެވެ. އެއީ ޑިޖިޓަލްކޮށް ޕާސްޕޯޓާ ގުޅުވައިލެވޭ ދަތުރުކުރުމުގެ ހުއްދައެކެވެ. މި ހުއްދަ އޮންލައިންކޮށް އަދި ރަސްމީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
އީޓީއޭއެއްގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް، ނުވަތަ ޕާސްޕޯޓުގެ މުއްދަތު ހަމަވަންދެން، ކޮންމެ ދަތުރެއްގައި ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބެއެވެ. ނަމަވެސް ވަޒީފާ އަދާކުރުމަށާއި ދިގު މުއްދަތުގެ ކިޔެވުމަށް ދަތުރުކުރާ ފަރާތްތަކުން އާންމު އުސޫލުން ވިސާ ހޯދަން ޖެހޭނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.