މިލަރ އަކީ 2016 ވަނަ އަހަރުން ފެށިގެން ޓްރަމްޕްގެ އެންމެ އަރިސް އަދި ބޮޑު އިތުބާރެއް އޮތް އެއް އެހީތެރިޔާއެވެ. ހަމައެއާއެކު ރައީސްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތައް އެކުލަވާލުމުގެ މައިގަނޑު މޭސްތިރިއަކީވެސް އޭނާއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އޭނާގެ ދިގު މުއްދަތުގެ މުޝީރު ސްޓީވަން މިލަރ ވަނީ ކަނޑައަޅުއްވާފައެވެ.
ހުކުރު ދުވަހު ނިންމެވި މި ނިންމުމުން ދައްކުވައިދެނީ، މި ހަފުތާގެ ކުރީކޮޅު ބޭއްވުނު މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ބައްޔަށްފަހުވެސް، ޚިޔާލުތަފާތުވުން ބޮޑު ސިޔާސަތުތައް ދޫނުދެއްވައި ޓްރަމްޕް އިތުރަށް ވަރުގަދަކުރައްވާނެ ކަމެވެ.
އަންނަ ޖެނުއަރީ މަހުގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓްގެ މެޖޯރިޓީ ޑިމޮކްރެޓުންގެ އަތްމައްޗަށް ދާނެއެވެ. އަދި ވައިޓް ހައުސްގެ ތެރޭގައި މިލަރ އަދާކުރައްވާ ދައުރާ ގުޅޭގޮތުން ސުވާލު އުފައްދައި، ތަހުގީގުތަކެއް ހިންގާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.
އުމުރުފުޅުން 41 އަހަރުގެ މިލަރ އަކީ އަބަދުވެސް ޓްރަމްޕްގެ ދިފާއުގައި ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ. މީގެއިތުރުން ރައީސްގެ ބޮޑު ޑީޕޯޓޭޝަން މަޝްރޫއު ރޭއްވެވި މައި މީހަކީވެސް އޭނާއެވެ.
ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ޓްރަމްޕް ވިދާޅުވީ މިލަރ އަކީ "އެންމެ އިތުބާރުކުރެވޭ އެއް މުޝީރު" ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ސޫޒީ ވައިލްސްގެ ބަދަލުގައި އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނެ ކަމަށްވެސް ހާމަކުރެއްވިއެވެ.
ސިޔާސީ މައިދާނަށް ކުރީކޮޅު ނުކުންނެވި ބޭފުޅެއް
ޓްރަމްޕްގެ ޓީމާ ގުޅިވަޑައިގަތުމުގެ މާކުރިންވެސް މިލަރ ވަނީ ކޮންޒަވޭޓިވް ހަރަކާތްތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައެވެ.
ސެންޓާ މޮނިކާ ހައި ސްކޫލުގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު، ލޯކަލް ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ސްކޫލުގެ ލިބަރަލް ފިކުރުތަކާ ދެކޮޅަށް ފަރިތަކަމާއެކު ވާހަކަދައްކަވައި، އޭނާގެ ބަސްމޮށުންތެރިކަން ދައްކުވައިދެއްވިއެވެ.
ޑިއުކް ޔުނިވާސިޓީގައި ކިޔަވާވިދާޅުވި އިރު، ޑިއުކް ކޮންޒަވޭޓިވް ޔޫނިއަންގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި އެ ޔުނިވާސިޓީގެ ލެކްރޮސް ކުޅޭ ތިން ދަރިވަރެއްގެ މައްޗަށް ރޭޕްގެ ތުހުމަތު އެޅުވުނު ހިނދު، އެމީހުންގެ ހައްގުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރެއްވިއެވެ.
ކިޔަވާ ނިންމެވުމަށްފަހު، މިލަރ ދިރިއުޅުން ވޮޝިންޓަން ޑީސީއަށް ބަދަލުކުރެއްވިއެވެ. އެތަނުގައި ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުންނަށާއި، ރިޕަބްލިކަން ސެނެޓަރ ޖެފް ސެޝަންސްގެ ގާނޫނީ އެހީތެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ.
ޓްރަމްޕްގެ އެންމެ ފުރަތަމަ ރިޔާސީ ކެމްޕޭނާ އޭނާ ގުޅިވަޑައިގަތީ ޖެނުއަރީ 2016 ގައެވެ. އެ ކެމްޕޭނުގައި ރައީސްގެ މެސެޖުތައް ބައްޓަންކުރުމަށާއި ސިޔާސީ ހަރުކަށި ސްޓައިލް އެކުލަވާލުމުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރެއްވި ބޭފުޅެއްގެ ލަގަބު އޭނާއަށް ލިބިވަޑައިގަތެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާއާއި ޓްރަމްޕް ވަރަށް ރަނގަޅަށް ގުޅުނު،" ޓްރަމްޕްގެ ކުރީގެ މުޝީރު ސްޓީވް ބެނަން 2017 ވަނަ އަހަރު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭގޮތުގައި ޓްރަމްޕްގެ އަސްލު އަޑު ހޯއްދަވައިދެއްވުމުގައި އެހީތެރިވެދެއްވީ އޭނާ."
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އަދާކުރެއްވި ދައުރު
2016 ގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ހައިރާންކުރަނިވި ގޮތަކަށް ކާމިޔާބު ކުރެއްވުމާއެކު، މިލަރ ވެގެންދިޔައީ ރައީސްގެ އިސް މުޝީރެއްގެ އިތުރުން ޚާއްސަ ތަގުރީރުތައް ލިޔެދެއްވާ ބޭފުޅަކަށެވެ. މީގެއިތުރުން އިމިގްރޭޝަނާ ގުޅޭގޮތުން ޓްރަމްޕް އެޅުއްވި އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ފަހަތުގައިވެސް ވަނީ އޭނާއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.