މަސްވެރިންނަށް ހެޔޮ އަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އދ. ދަނގެތީގައި ގާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވައި، ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ދަނގެތީގައި ތަރައްގީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ފިއުލް ސްޓޭޝަންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު (އަވަސް) އެވެ. އެ ރަސްމިއްޔާތުގައި ރަށުގެ ކައުންސިލް މެމްބަރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވިއެވެ.
އެފްއެސްއެމުން ވިދާޅުވީ ދަނގެތީގައި މި ހިދުމަތް ފެށުމާއެކު، މަސްވެރިންނަށް މާލެއިން ތެޔޮ ވިއްކާ އަގުގައި ދަނގެތިން ވެސް ޑީސަލް ލިބެން ހުންނާނެ ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށް، އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތްތަކަށް ލުއި ފަސޭހަކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެފްއެސްއެމުން ވިދާޅުވިއެވެ.
މި ސްޓޭޝަންގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ތެޔޮ ލިބިިގެންދާނެ ކަމަށް ވެސް އެފްއެސްއެމުން ވިދާޅުވިއެވެ.
މި ފިއުލް ސްޓޭޝަން ހުޅުއްވައި ދެއްވުމަށް ފަހު، މެމްބަރު އަބްދުﷲ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވައުދުވެވަޑައިގެންފައިވާ ގޮތަށް ކޮންމެ އަތޮޅެއްގައި މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ގާއިމުކުރުމަށް ފެށި މަސައްކަތުގައި މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ.
މިއީ ރައްޔިތުން، ވަކިން ޚާއްސަކޮށް މަސްވެރިންނާއި ސިނާއީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކަށް ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޝެޑާއެކުގައި ހަކަތައަށް ކުރާ ހޭދަ މަދުވެ، ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރުވެ، ވަގުތު ސަލާމަތްވެ، ތަކުލީފުތައް ވަރަށް ބޮޑު ތަނުން ކުޑަވާނެ. ވަކިން ހާއްސަކޮށް، އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ މަގު ފަހިވުމަކީ ރައްޔިތުން އަގު ބޮޑުކޮށް ތެޔޮ ގަންނަން މަޖުބޫރުވެފައި އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމެއް." މެމްބަރު ވިދާޅުވިއެވެ.
މި ތަން ގާއިމުކޮށް ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުއިއްޒަށާއި އެސްޓީއޯ އަދި އެފްއެސްއެމްގެ ވެރިންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.