ދިވެހިރާއްޖެއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެޤައުމުގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިއާ މުޢިއްޒައްދީން ވައްދައުލާ އަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބުރުނާއީގެ ރިޔާސީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާން ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބުރުނާއީގެ ރަސްގެފާނު ވަނީ ސަފީރު ޑރ. ޝަބީނާއަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަފީރު ޑރ. ޝަބީނާގެ ވާހަކަފުޅުގައި، ރާއްޖެއާއި ބުރުނާއީއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ސަފީރުގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، އަލްފާޟިލާ ފާތިމަތު ޝަބާ ބައިވެރިވެވަޑައިގެންނެވިއެވެ.
ޑރ. މަރިޔަމް ޝަބީނާ އަހުމަދަކީ މިހާރު ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ރިޕަބްލިކް އޮފް ދަ ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސް މެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.