ދިވެހިރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެސިޑެންޓް ސަފީރު ޢާމިނަތު ޢަބްދުﷲ ދީދީ، އެ ގައުމުގެ ރައީސް ޕީޓަރ ޕަވެލްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގެ ރިޔާސީ ގަނޑުވަރު، ޕްރާގް ކާސަލްގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި، ސަފީރު ޢާމިނަތު ޢަބްދުﷲ ދީދީ ވަނީ އެކަމަނާއަށް އަދާކުރެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗެކް ރިޕަބްލިކްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ޒުވާނުން ބާރުވެރިކުރުވުން ފަދަ މުހިންމު ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޕީޓަރ ޕަވެލް ވަނީ ސަފީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ސަފީރު ޢާމިނަތު ޢަބްދުﷲ ދީދީއަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޗެކް ރިޕަބްލިކާ ދެމެދު އޮތް އެކުވެރި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރެއްވުމަށް ޗެކް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ހާރިޖީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ސަފީރު ޢާމިނަތު ޢަބްދުﷲ ދީދީ ވަނީ، 2019 އިން 2023 އަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޑެސްކް އޮފިސަރ ޚަދީޖާ ޢައުފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.