ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ތާމެލްގައި ހިންގާ ހޮޓަލެއް ބަލައިފާސްކުރުމަށްފަހު، އެ ގައުމުގެ ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ބޭރު ފައިސާތަކަކާއެކު ދިވެއްސަކު ހިމެނޭހެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ ގައުމުގެ ނޫސްތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ވޭތުވެދިޔަ ބުދަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގައި ހައްޔަރުކޮށްފައިވަނީ ޗިޓްވާންގެ ބިސޯނީއަށް ނިސްބަތްވާ އަދި މިހާރު ތާމެލްގައި ދިރިއުޅޭ އުމުރުން 20 އަހަރުގެ ސްނެހާ ރިމާލްގެ އިތުރުން ރާއްޖޭގެ ރައްޔިތެއް ކަމަށްވާ ޔުގިތު އިބްރާހީމެވެ. މި ދެ މީހުން ފުލުހުން ހައްޔަރުކުރީ އެ ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓެލްގެ ތެރެއިންނެވެ.
ކަތަމަންޑޫގެ ޑިސްޓްރިކްޓް ޕޮލިސް ކޮމްޕްލެކްސްގެ އެސްޕީ ޑާން ބަހާދުރު ތާޕާއާ ހަވާލާދީ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި، ކަމާބެހޭ ފަރާތްތަކަށް ނާންގައި ފައިސާ ރައްކާކޮށްފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ހޮޓާ ފާސްކުރިއިރު 5,050,000 ނޭޕާލް ރުޕީސް ފެނިފައިވެއެވެ. އަދި މީގެ އިތުރުން އެ މީހުންގެ އަތުން 4,215 އޮމާނީ ރިޔާލާއި 55 ޔޫއޭއީ ދިރުހަމް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ މައްސަލަ ނޭޕާލްގެ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.