މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ރާއްޖޭގެ މަޝްހޫރު ތިން ފިލްމީ ތަރިން ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ޝަރީއަތުގައި މިއަދު އިއުތިރާފުވެއްޖެއެވެ.
މި މައްސަލައިގައި ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ މުޙައްމަދު ވިޝާލް (ރޯމަން)، 29އ، އިސްމާޢީލް ޖުމައިޙް (ޖުމާ)، 35އ، އަދި އަޙްމަދު އަޒްމީލް (އަޒޭ)، 45އ، ގެ އިތުރުން އަޒޭގެ ކޮއްކޮއެއް ކަމަށްވާ ޝާހިލް މުޙައްމަދު، 42އ، އެވެ. ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި އެ ތިން ފިލްމީ ތަރިން ވެސް ވަނީ އެ މީހުންގެ މައްޗަށް ކުރެވުނު ކުށުގެ ތުހުމަތުތަކަށް އިއުތިރާފުވެފައެވެ.
އެ މީހުންގެ މައްޗަށް ކުރި ދައުވާތަކަށް ބަލާއިރު، އަޒޭގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ރޯމަންގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އަޒޭއާއި ރޯމަން ކުށަށް އިއުތިރާފުވުމާ ގުޅިގެން، ދައުލަތުން ވަނީ އެ ދެ މީހުންގެ މައްސަލަ ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ދައުވާތައް އަނބުރާ ގެންދިއުމަށް އެދިފައެވެ. އަދި ޖުމައިހްގެ މައްޗަށް މަސްތުވާތަކެތީގެ އިތުރު މައްސަލައެއް ނެތުމުން، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފައެވެ. ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރި އަޒޭގެ ކޮއްކޮ ޝާހިލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފުސީލެއް އަދި ސާފުވާގޮތެއް ނުވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި މީހުން ތިބި ކޮޓަރި ބާރުގެ ބޭނުންކޮށްގެން ހުޅުވިއިރު އެ ތަނުގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ފެންނަން ހުއްޓެވެ. އަދި އެ ތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އަޒޭއާއި ރޯމަންއަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ދެ މީހުންނެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަވެފައިވާތީ، ހައްޔަރުކުރި ހުރިހާ އެންމެން ވެސް މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ބަންދުން ވަނީ ދޫކޮށްލައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.