ވިޔަފާރީގެ ދާއިރާއިން ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީތަކާއި އިންސާނިއްޔަތަށް ފޯރުކޮށްދެއްވާފައިވާ އަގުހުރި އެހީތެރިކަން ފާހަގަކޮށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ގްރޫޕާއި ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމަށް "އޭޝިއާސް ބެސްޓް އެންޓަޕްރެނާ ފިލަންތުރޮޕިސްޓް 2026" އެވޯޑް ލިބިވަޑައިގެންފިއެވެ. މި އެވޯޑަކީ ޤާސިމް ދިވެހި ވިޔަފާރި ކުރިއެރުވުމަށާއި، ދިވެހި މުޖުތަމަޢުގެ ފައިދާއަށް—ޚާއްޞަކޮށް ޞިއްޙަތާއި ތަޢުލީމާއި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް—ދިގު މުއްދަތަކަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި އެވޯޑެކެވެ.

އޭޝިއާ ސެންޓަ ފޯ އެންޓަޕްރެނާޝިޕް (އޭސީއީ) އިން އިންތިޒާމުކޮށްގެން ބޭއްވި "އޭސީއީ އައިކަންސް އެވޯޑްސް 2026" ރަސްމިއްޔާތު އޮތީ ރޭ މެލޭޝިއާގެ ޕުތުރަޖާޔާގައި ހުންނަ ޕަރްދާނާ ލީޑަޝިޕް ފައުންޑޭޝަންގައެވެ. މި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން އެވޯޑާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން ޢުމަރު އަރްކާން ޤާސިމެވެ. މި ޙަފުލާގައި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޝަރަފުވެރި އެވޯޑް ޤާސިމްގެ އިތުރުން އޭޝިއާ ބައްރުގެ ފާހަގަކޮށްލެވޭ އެހެން ހަތަރު ވިޔަފާރިވެރިއަކަށް ވަނީ އަރުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ބަޖާޔާ ކޯޕަރޭޝަންގެ ބާނީ ޓަން ސްރީ ވިންސެންޓް ޓަން، އިންޑިއާގެ އިންފޯސިސްގެ ބާނީ އެން.އާރް. ނަރަޔަނަ މުރްތީ، އިންޑޮނޭޝިއާގެ ބަކްރީ އެންޑް ބްރަދާސްގެ ސީއީއޯ އަނިންދިޔާ އެން. ބަކްރީ އަދި ބަންގްލަދޭޝްގެ އޭ.ކޭ ޚާން ފައުންޑޭޝަންގެ ސީއީއޯ ޞަލާޙުއްދީން ޤާސިމް ޚާނެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތީރު މުޙައްމަދަށް ވަނީ "ފާދަ އޮފް އެންޓަޕްރެނާޝިޕް ޑިވެލޮޕްމަންޓް، މެލޭޝިއާ" ގެ ޝަރަފުވެރި ލަޤަބު އަރުވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ރަސްމިއްޔާތުގެ ތެރެއިން ބައިނަރީ ޔުނިވަސިޓީގެ ޗާންސެލަ ޓުން އަޙްމަދު ފުޒީ ޢަބްދުއްރައްޒާޤު ވަނީ "އޭސީއީ ހިއުމެނިޓޭރިއަން ފަންޑް ފޯ އެންޓަޕްރެނާ ޑިވެލޮޕްމަންޓް" ވެސް އިފްތިތާޙުކޮށްދެއްވާފައެވެ. މި ފަންޑަކީ ނިކަމެތި ޒުވާނުން އުފައްދާ ކޮންމެ ކުންފުންޏަކަށް ފެށުމުގެ ރައުސްމާލުގެ ގޮތުގައި 100,000 މެލޭޝިއަން ރިންގިޓް ދިނުމަށާއި، ވިޔަފާރީގެ ތަމްރީނާއި މެންޓަރޝިޕް އަދި ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލި ފަންޑެކެވެ.

ޤާސިމް އިބްރާހީމް ވިޔަފާރީގެ ދާއިރާއަށް ނުކުމެވަޑައިގަތީ 1976 ވަނަ އަހަރު، އަމިއްލަ މުދާ ރަހުނުކޮށް 15,000 ރުފިޔާގެ ލޯނެއް ނަންގަވައިގެންނެވެ. އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމާއި އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކުރައްވައި، ރާއްޖޭގެ އަމިއްލަ ވިޔަފާރީގެ އެންމެ ވަރުގަދަ އެއް ބާނީގެ މަޤާމު އެމަނިކުފާނު ވަނީ ހޯއްދަވާފައެވެ. ހަމައެއާއެކު ވިލާ ފައުންޑޭޝަން މެދުވެރިކުރައްވައި އެތައް ހާސް ދިވެހިންނަކަށް ބޭސްފަރުވާއާއި މަތީ ތަޢުލީމުގެ ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ދަނީ ފަހިކޮށްދެއްވަމުންނެވެ.

ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، ޖުލައި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ދައުލަތުގެ އެންމެ މަތިވެރި އެއް ޢިއްޒަތް ކަމަށްވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު (ނޢޢވ) ވެސް ޤާސިމް އިބްރާހީމަށް އަރުވާފައެވެ.