ހޭންޑްބޯލް މޯލްޑިވްސްގެ އިދާރީ އޮފީސް ހިންގަމުންދިޔަ އިމާރާތުގައި ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުގައި ހުރި މުހިންމު ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ހެނދުނު 06:05 ހާއިރުއެވެ. މަޢުލޫމާތު ލިބުމާ ގުޅިގެން މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަގުތުން އެ ސަރަޙައްދަށް ގޮސް ކުރި މަސައްކަތުން، އެ އަލިފާންގަނޑު ވަނީ ހެނދުނު 06:21 ހާއިރު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ "ޕީއެސްއެމް ނިއުސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާން ރޯވާން މެދުވެރިވީ އޮފީހުގައި ހަރުކޮށްފައި ހުރި އެއާކޮންޑިޝަނަރ (އޭސީ) އެއްގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.
މުޖުތަބާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ އެސޯސިއޭޝަނުގެ އިދާރީ މަސައްކަތްތަކަށް ބޭނުންކުރާ ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ސިސްޓަމްތަކާއި، މުހިންމު ލިޔެކިޔުންތައް ހުރީ އެ އިމާރާތުގައެވެ. އަދި އަލިފާނުގެ ސަބަބުން އެތަނުގައި ހުރި ގިނަ ތަކެތި ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.