ފާއިތުވި އޮގަސްޓް މަހުން ފެށިގެން ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ވަރުގަދަވުމުގެ ސަބަބުން، ހޯމަ ދުވަހާ ހަމައަށް 2،361 މީހުންގެ ފުރާނަ ގެއްލި، އިތުރު 10،982 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކޮށްފިއެވެ.
ޑަބްލިޔުއެޗްއޯގެ އެންމެ ފަހުގެ ހާލަތު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ނޮވެމްބަރު 17 އިން ހޯމަ ދުވަހުގެ ނިޔަލަށް ވޭތުވެދިޔަ އެއް ހަފުތާގެ މުއްދަތުގައި އެކަނިވެސް 101 މީހުން މަރުވެ، 463 މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި މި ގެއްލުންތަކުގެ ބޮޑުބައެއް ކުރިމަތިވެފައިވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ މާރިބް ސިޓީގައެވެ.
މީގެ އިތުރުން، ޔަމަނުގެ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޑަބްލިޔުއެޗްއޯ އިން ބުނީ، ޞިއްޙީ ފަރުވާދޭ 39 މަރުކަޒަކަށާއި 8 އެމްބިއުލާންސަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިއީ މީގެކުރިން އެ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ 28 މަރުކަޒާ އަޅާބަލާއިރު އިތުރުވުމެކެވެ.
ހަމައެއާއެކު، ލަހިޖްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި ގިނަ ބަޔަކު އަދިވެސް ދަނީ ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަމުންނެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ހާމަކުރި ގޮތުގައި، އޮގަސްޓް މަހުގެ ފެށުމުން ފެށިގެން މިހާތަނަށް 364،264 މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ރެފިއުޖީންނަށް ވެގެންދިޔަ 15،732 މީހުން ހިމެނޭއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުންނަކީ ލަހިޖް ސަރަޙައްދުގެ ރައްޔިތުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.