ޔަމަނުގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގެ މައްޗަށް ބާރުފޯރުވުމަށް ޙޫޘީ ހަނގުރާމަވެރިން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން، ޤައުމުގެ ސިފައިން ކުރިއަށްގެންދާ "ޑޯން އޮފް ޔަމަން" އަސްކަރީ ހަރަކާތުގެ ތެރެއިން އެ ޖަމާއަތުގެ އަމާޒުތަކަށް ވަރުގަދަ 661 ހަމަލާއެއް ދީފައިވާކަން ޔަމަނުގެ ދިފާއީ ބާރުތަކުން ހާމަކޮށްފިއެވެ.
ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، މިސްސައިލާއި ޑްރޯން އަދި ބަރު ހަތިޔާރު ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި ޙޫޘީންގެ 173 ހަނގުރާމަވެރިޔަކު ވަނީ މަރުވެ ނުވަތަ ޒަހަމްވެފައެވެ.
ހަމައެއާއެކު، ހަނގުރާމަވެރިން ބޭނުންކުރަމުންދިޔަ 71 އަސްކަރީ އުޅަނދަކާއި، އެމީހުންގެ ކޮމާންޑް މަރުކަޒުތަކުގެ އިތުރުން މުހިންމު ދިފާއީ އޮނިގަނޑުތައް އެއްކޮށް ސުންނާފަތިކޮށްލެވިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތަޢިއްޒު، މާރިބު، އަލް-ޖައުފް އަދި ދެކުނުގެ އެކި މައިދާންތަކުގައި ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، ރަތްކަނޑުގެ އައްސޭރިފަށުން ސަރުކާރުގެ ބާރުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭ މައި މަގު ޙޫޘީން ވަނީ ބަންދުކޮށްފައެވެ.
މި ކުރިމަތިލުންތަކާ ގުޅިގެން، ޔަމަނުގެ ވަގުތީ ވެރިރަށް ޢަދަން ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އަސްކަރީ ބާރުތައް އަލުން ތަރުތީބުކޮށް، ދިފާއީ ސަފުތައް ދަނީ ވަރުގަދަކުރަމުންނެވެ.
ހަނގުރާމައިގެ މި ނާޒުކު ދަނޑިވަޅުގައި، ޙޫޘީންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ޖަމާއަތުގެ މިލްކިއްޔާތުގައިވާ މުދާތައް ދައުލަތަށް ނެގުމަށާއި، އެމީހުންގެ ޣައިރުޤާނޫނީ ޢަމަލުތަކަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ޔަމަނުގެ ޤާނޫނުހަދާ މަޖިލީހުން މިހާރު ވަނީ އެންމެންގެ އިއްތިފާޤުން ބިލެއް ފާސްކޮށްފައެވެ.
މި ބިލު ތަސްދީޤުކުރެއްވުމަށްޓަކައި ރިޔާސީ ލީޑަރޝިޕް ކައުންސިލްގެ ރައީސް ރަޝާދު އަލް-ޢަލީމީގެ އަރިހަށް މިހާރު ވަނީ ވައްދާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.