ޔަމަނުގެ ތަޢިއްޒަށް ޙޫޘީ ހަނގުރާމަވެރިން ދިން ކަމަށް ތުހުމަތުކުރެވޭ ވަރުގަދަ ޙަމަލާތަކެއްގައި ޢާންމުންގެ ތެރެއިން 33 މީހުން މަރުވެ، 58 މީހަކު ޒަޚަމްވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތަކުން ހާމަކޮށްފިއެވެ.

ޔަމަނުގެ "ނެޓްވޯކް ފޯ ރައިޓްސް އެންޑް ފްރީޑަމްސް" އިން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 73 ގަޑިއިރުގެ ތެރޭގައި ޢާންމުންނާއި ޢާންމު ޢުމްރާނީ ވަސީލަތްތަކާ ދެކޮޅަށް ޤާނޫނާ ޚިލާފު 133 ޢަމަލެއް ޙޫޘީން ވަނީ ހިންގާފައެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ފޮނުވާލާފައިވާ ބަޑީގެ ޙަމަލާތަކާއި، ރޮކެޓް ޕްރޮޖެކްޓައިލް ފަދަ 216 ޙަމަލާއެއް ހިމެނެއެވެ.

މީގެއިތުރުން، ހުކުރު ދުވަހު އަލްވަޒީޢިއްޔާ ޑިސްޓްރިކްޓުގެ އަލްޙަޟާރާ މާރުކޭޓަށް ދިން ޙަމަލާގެ ޒިންމާ ވެސް އެ ޖަމާޢަތުން އަޅުވާފައިވަނީ ޙޫޘީންގެ ބޮލުގައެވެ. އެ ޙަމަލާގައި އެކަނިވެސް ގާތްގަނޑަކަށް 30 މީހުން މަރުވެ، 45 މީހުން ޒަޚަމްވެ، 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ޙޫޘީން ބުނެފައި ވަނީ މާރުކޭޓަށް ދިން ޙަމަލާއަކީ ސަޢޫދީ އިސްވެ އޮންނަ ކޯލިޝަންގެ ވައިގެ ޙަމަލާއެއް ކަމަށެވެ. މި ޙަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް އުފުލާފައެއް ނުވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ ޖަމާޢަތުގެ ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި ޢާންމުންގެ ހަ މީހަކު ވަގަށް ނެގުމާއި، 12 ގެއެއް ބަލައިފާސްކުރުމުގެ އިތުރުން، ޢާންމު އުޅަނދުފަހަރަށާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށްވެސް ވަނީ ގެއްލުން ދީފައެވެ.

ތަޢިއްޒަށް މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކާއި، ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެ ސަރަޙައްދުގެ އިންސާނީ ޙާލަތު އިންތިހާއަށް ގޯސްވަމުންދާ ކަމަށް އެ ޖަމާޢަތުން ވަނީ އިންޒާރު ދީފައެވެ. އަދި ޢާންމުންނަށް އަމާޒުކޮށް ހިންގާ މިފަދަ ޖަރީމާތައް މިނިވަންކަމާއެކު ތަޙުޤީޤުކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.