ދިވެހިރާއްޖޭގެ މާލީ ދާއިރާއަށާއި ޑިޖިޓަލް އިޤްތިޞާދަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ ތިން މުހިންމު ޚިދުމަތެއް ކަމަށްވާ، ރާއްޖޭގެ އަމިއްލަ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ވުޖޫދުކުރުމާއި، ދުނިޔޭގެ މަޝްހޫރު ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ޕޭމަންޓް ގޭޓްވޭ ދިވެހި ވިޔަފާރިތަކަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

މި ތާރީޚީ ނިންމެވުންތައް ރަސްމީކޮށް އިޢުލާންކުރެއްވީ، މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޒުވާނުންނާއި، އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނާއި، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ހުރަސް މި ފިޔަވަޅުތަކާއެކު މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މިރޭ އިޢުލާންކުރެވުނު މުހިންމު ކަންކަމުގެ ތެރޭގައި:

'ސްވައިޕް' ވުޖޫދުވުން: ރާއްޖޭގެ އަމިއްލަ، ޒަމާނީ ޑިޖިޓަލް ޕޭމަންޓް ނިޒާމެއް ކަމަށްވާ 'ސްވައިޕް' ވުޖޫދުވުމާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކުރިން ނުލިބޭ ފަދަ ބޮޑެތި ލުއިފަސޭހަތަކަކާއި އައު ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

ޕޭޕަލް ރާއްޖެއަށް ތަޢާރަފުވުން: ޒަމާނުއްސުރެ ދިވެހިން އެދިއެދި ތިބި ޕޭޕަލްގެ ފުރިހަމަ ޚިދުމަތް ލިބެން ފެށުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮންލައިންކޮށް ފައިސާ ލިބިގަތުމާއި ފޮނުވުމުގެ ދޮރު ދިވެހި ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް މިހާރު ވަނީ ތަނަވަސްވެފައެވެ.

ބީއެމްއެލް ޑޮލަރު ޕޭމަންޓް ގޭޓްވޭ: ދިވެހި ވިޔަފާރިތަކަށް ބޭރު ފައިސާއިން އޮންލައިންކޮށް މުދަލާއި ޚިދުމަތް ވިއްކުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ބީއެމްއެލްގެ ޑޮލަރު ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ވަނީ ދިވެހި ވިޔަފާރިތަކަށް ޚާއްޞަކޮށް ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލްކޮށް، ދުނިޔޭގެ ބާޒާރާ ދިވެހި ވިޔަފާރިތައް ގުޅުވާލުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެއްކަން ފާހަގަކުރެއްވިއެވެ. މި ބަދަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.