ދައުލަތުގެ ދަރަނި ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ފަރާތްތަކަށް ކުރީ ސަރުކާރުން ނުދައްކައި ހުރި ބިލުތައް ހިމެނޭ ގޮތަށް ސަރުކާރުން އެކި ފަރާތްތަކަށް ފާއިތުވި ތިން އަހަރު ތެރޭ 25 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ތިން އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ރައީސް ފާހަގަކުރެއްވީ ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއިރު އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ބަޖެޓު ޑެފިސިޓު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދެ އަދަދުން މަތީގައި ކަމަށެވެ. އެގޮތުން 2023 ގައި ޑެފިސިޓު ހުރީ ޖީޑީޕީގެ 10 އިންސައްތައިން މަތީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރަށް ބަޖެޓު އެކުލަވައިލަން ލިބުނު ފުރަތަމަ އަހަރަކީ 2025 ވަނަ އަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރަށް އެ ފުރުސަތު ލިބުމާއެކު މިހާރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޑެފިސިޓު އެއް އަދަދުގެ މިންވަރަކަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން 2025 ގައި އެެ ނިސްބަތްހުރީ ތިން އިންސައްތާގައި ކަމަށާއި، މެދުއިރުމަތީގައި ހިނގި ހަނގުރާމައިގެ ސަބަބުން މި އަހަރު ހަރަދުތައް ބޮޑުވި ނަމަވެސް ބަޖެޓު ޑެފިސިޓު ހަ އިންސައްތާގައި މި އަހަރުވެސް ހިފަހެއްޓޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

"އަޅުގަނޑުމެންނަށް ހަދަން ލިބުނު ފުރަތަމަ ބަޖެޓު 2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ވަރަށް ރަނގަޅަށް ފިސްކަލް ކަންކަން މެނޭޖުކޮށްގެން އަޅުގަނޑުމެން ޑެފިސިޓުކުރީ 3.6 އިންސައްތައަށް ޖީޑީޕީގެ ނިސްބަތުން. އެހެންނަމަވެސް 2026 ފެށިގެން މާޗު މަހަށް އައި އިރު ދުނިޔޭގައި އޮތީ ބޮޑު ހަނގުރާމައެއް. އެއާއެކު ތެލުގެ އަގު ބޮޑުވުމާއި މިހެން ގޮސް ހަރަދުތައް ބޮޑުވުމާއެކުގައި ޓޫރިޒަމަށް އައި ލޮޅުމާއެކުވެސް މި އަހަރު ނިންމާލާއިރު 6.2 އިންސައްތައިން ނިންމާލެވޭނެ ކަމުގައި ލަފާކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިގޮތަށް ކުރިއަށް ގެންގޮސް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ އަމާޒަކީ 2028 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކޮށް ނިމޭއިރު ގައުމީ އުފެއްދުންތެރިކަމުގެ 5 އިންސައްތައަށްވުރެ ބަޖެޓުގެ ޑެފިސިޓު ކުޑަކުރުން ކަމަށެވެ. ބަޖެޓު ރާއްވަވާފައިވަނީ ދަރަނި އަދާކުރުމުގެ ހަރަދު ނުހިމަނައި ގައުމީ އުފެއްދުންތެރިކަމުގެ އެއް އިންސައްތައިން ބަޖެޓު އަރަނިވާނެ ގޮތަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 124 އިންސައްތާގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެއިރު އެންމެ ބޮޑު އިސްކަންދިނީ ކުރީ ސަރުކާރުން ވާރުތަވީ ނުދައްކައި ހުރި ބިލުތަކަށް ފައިސާ ދައްކަވައި ހަލާސްކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން އިސްކަންދިނީ 2024 ވަނަ އަހަރު މީގެ ތެރެއިން ބޮޑު ބައެއް ދެއްކުމަށްޓަކައި. އެގޮތުން މިދިޔަ އަހަރާއި 2024 އަހަރުގައި ކުރީގައި ނުދައްކާ ހުރި ބިލުތަކުގެ ތެރެއިން 1.55 ބިލިއަން ރުފިޔާގެ ބިލު ދައްކައިފިން. މިދިޔަ ތިން އަހަރު ތެރޭގައި އެކި ބިލުތަަކށް 25 ބިލިއަން ރުފިޔާގެ ޕޭމެންޓުތައް ހަދައިފިން." ރައީސް ވިދާޅުވިއެވެ.

މި ފައިސާ ދެއްކުމާއި ބޭރުގެ ބޮޑު ދަރަނި އަދާކުރުމާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްނަތުން ދަރަނި ހުރި މިންވަރު އަންނަ އަހަރު ނިމެންވާއިރަށް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ ދަރަނި ހުރި މިންވަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަކޮށް 116 އިންސައްްތައަށް 2029 ވަނަ އަހަރަށްވާއިރަށް ތިރިކުރެއްވުން ކަމަށެވެ.