ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ކުރި ހަރުދަނާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް 13،000 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ބިދޭސީންގެ މައްސަލައަކީ ހަމައެކަނި ވޯޓު ހޯދުމަށް ސިޔާސީ ފަރާތްތަކުން ދައްކަމުން އައި ބަހަނާއެއް ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ތަފާތަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް އަކުރަށް އަކުރަށް ފުއްދައިދިނުމުގެ އިހުލާސްތެރިކަމާއި ޔަގީންކަން އޮތުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 99 އިންސައްތަ މައުލޫމާތު ވަނީ އެއްކުރެވި، ދަފްތަރު އެކުލަވައިލެވިފައެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އެއް އިންސައްތަ ގައުމަށް ނޫނީ ހާސިލުކުރެވިފައި ނުވާފަދަ ބޮޑު ކާމިޔާބީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖެއިން މިއޮތީ މި ނަތީޖާ ހާސިލުކޮށްފައި. އިހުލާސްތެރިކަމާއެކު މަސައްކަތްކުރާނަމަ ކަންކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮންނަންވާނެ. ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީންގެ ރެކޯޑު އަދަދެއް މި މުއްދަތުގެ ތެރޭގައި މިވަނީ ފޮނުވާލެވިފައި. ޖުމްލަ 13،000 ބިދޭސީން މިހާރު ވާނީ ޑީޕޯޓުކުރެވިފައި،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި މި މައްސަލަ ހައްލުކުރުމަށް ނުކުރެވޭ މިންވަރުގެ ބޮޑެތި މަސައްކަތްތަކެއް މި ސަރުކާރުން ކޮށް، އޭގެ އަމަލީ ނަތީޖާ ރައްޔިތުންނަށް ދައްކުވައިދީފައިވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދަށާއި އިޖުތިމާއީ ފޭރާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އެހެންކަމުން، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ގަވާއިދާ ހިލާފަށް ދިވެހިންގެ ނަމުގައި ވިޔަފާރިކުރަމުންދާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ދަނީ ހަރުދަނާކަމާއެކު ކުރިއަށް ގެންދަމުންނެވެ.

މި ސިޔާސަތުގެ ދަށުން، އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ވަގުތުން ޑީޕޯޓުކޮށްލާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.