ހުޅުމާލޭގައި އަލުން ފެށި ވޯޓާ ތީމް ޕާކު މަޝްރޫއުގެ ތެރެއިން 500 ވަޒީފާގެ ފުރުސަތު އުފެއްދުމަކީ މައިގަނޑު އަމާޒު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒުހައިރު ހާމަކުރައްވައިފިއެވެ.

ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.

ހުޅުމާލޭގެ އަތިރިމަތީ ސަރަހައްދުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހްމަދު ޒުހައިރުގެ އިތުރުން ސޮލެންޒަރާ ހޯލްޑިންގްސްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، މިއަދު ފެށިގެން ދިޔަ މި ބިޔަ މަޝްރޫއަކީ ހާސިލުކުރެވުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. މިއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އެޗްޑީސީގެ މުވައްޒަފުން ކުރެއްވި ބުރަ އަދި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒުހައިރު އިތުރަށް ވިދާޅުވި ގޮތުގައި، މި ވޯޓާ ތީމް ޕާކަކީ ނުވާނެ ކަމަށް ނިންމައި ގާތްގަނޑަކަށް ނުވަ އަހަރު ދުވަހު މަސައްކަތް ހުއްޓިފައި އޮތް ޕްރޮޖެކްޓެކެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ބެއްލެވުމާއި އިސްނެންގެވުމުގެ ދަށުން، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ފުރިހަމަކޮށް އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއު ނިމިގެންދާއިރު ހުޅުމާލެއަށް ބޮޑު ބަދަލެއް އައިސް، އިގުތިސޯދީ ގޮތުން އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ. އަދި އާ ވަޒީފާތަކާއި ވިޔަފާރީގެ އާ ފުރުސަތުތަކާ އެކު އާންމު ރައްޔިތުންނަށް އުފާވެރި މާހައުލެއް ބިނާކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު އަމަލީ މަސައްކަތް މި ފެށުނު ވޯޓާ ތީމް ޕާކާއި ހޮޓަލުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ހުޅުމާލޭގެ އިގުތިސޯދަށް އާ ދިރުމެއް ގެނެސްދޭނެ. މިއީ ކުރިން ބޭނުމެއް ނުކުރެވި ފަޅަށް އޮތް ބިމެއް، އާއިލާތަކަށް އެކުގައި އުފާވެރި ވަގުތު ހޭދަކޮށްލެވޭނެ ހިތްގައިމު މަންޒިލަކަށް ބަދަލުކުރުމުގެ ފެށުން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ އާ ދޮރުތައް ތަނަވަސްވެ، ވިޔަފާރިތައް ފުޅާވެ، ހުޅުމާލޭގެ އައްސޭރިފަށުން ފަތުރުވެރިކަމުގެ އާ ބާބެއް ހުޅުވިގެންދާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

"މި މަޝްރޫއު ނިމިގެންދާއިރު އަޅުގަނޑުމެންގެ އަމާޒަކީ މުޅިން އަލަށް 500 ވަޒީފާ އުފެއްދުން. އޭގެ ތެރެއިން 85 ޕަސެންޓް ވަޒީފާ ދިވެހިންނަށް ހާއްސަކުރެވޭނެ. އަދި އަންހެނުންނަށް 45 ޕަސެންޓް ވަޒީފާ ހާއްސަކުރެވޭނެ،" ޒުހައިރު ހާމަކުރެއްވިއެވެ.

މިއީ ހަމައެކަނި އިމާރާތްކުރުމުގެ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އިންސާނީ ވަސީލަތް ތަރައްގީކޮށް މީހުން ބިނާކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން އަހަރަކު 120 އަށް ވުރެ ގިނަ ދިވެހިން ތަމްރީނުކޮށް، އަމަލީ މައިދާނަށް ނެރުމަކީ ވެސް މައިގަނޑު މަގުސަދެއް ކަމަށް ވިދާޅުވިއެވެ.