މަސައްކަތް ހުއްޓިފައި އޮންނަތާ ނުވަ އަހަރު ވެފައިވާ، ހުޅުމާލޭ ވޯޓާ ތީމް ޕާކު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް އަލުން ފަށައިފިއެވެ.
މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ޢަލީ ޒުހައިރު ވިދާޅުވީ، ގިނަ ދުވަސްތަކަކަށްފަހު މި މަޝްރޫޢުގެ މަސައްކަތް އަލުން ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫޢު ވެގެންދާނީ ހުޅުމާލޭގެ މޫނުމަތި އެއްކޮށް ބަދަލުކޮށްލާނެ މުހިންމު މަޝްރޫޢަކަށެވެ.
ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި ބިޔަ މަޝްރޫޢުގެ ތެރެއިން ވޯޓާ ތީމް ޕާކު އެކަނިވެސް ތަރައްޤީ ކުރަނީ 17,800 އަކަމީޓަރުގެ ޖާގައެއްގައެވެ. މިއީ ދިވެހި އާއިލާތަކަށާއި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު އަދި ހިތްގައިމު ތަޖުރިބާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ހިންގޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ޑިވެލޮޕަރ ކަމަށްވާ ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާހަކަދައްކަވަމުން ޑޫކް ވިދާޅުވީ، މިއީ ރާއްޖޭގެ މުޖުތަމަޢާ ވަރަށް ބޮޑަށް ގުޅިފައިވާ، ޒުވާނުންނާއި އާއިލާތަކަށް އުއްމީދީ މަޝްރޫޢެއް ކަމަށެވެ. އަދި ހުޅުމާލޭގައި ހުސްވަގުތު ހޭދަކޮށްލާނެ މިފަދަ އެކަށީގެންވާ ވަސީލަތެއް މިހާރު ނެތްކަން ފާހަގަކުރައްވައި، ރާއްޖެއާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ އިންވެސްޓްމަންޓެއްގައި ބައިވެރިވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް (އައިއެޗްޖީ) ހޮޓެލްސް އެންޑް ރިސޯޓްސްގެ އީސްޓް އޭޝިއާ އެންޑް ޕެސިފިކްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ރަޖިތު ސުކުމާރަން ވިދާޅުވީ، ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ވޯޓާ ތީމް ޕާކުގެ މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، އައު 500 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.