ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި 71 ރަށުގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބާކީ ހުރި 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމަށްޓަކައި ހަލުވިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި އަލަށް އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ އިންސްޓޯލް ކުރުމުގެ މަސައްކަތާއި، މަރާމާތު ކުރަންޖެހިފައިވާ ޖިމްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގެ މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، އާންމު ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް ބާރުއެޅުމެވެ. މި މަޝްރޫއުގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2025 ގައެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.