ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ހިލަ ލިބުމުގައި ދަތިތަކެއް ހުރުމުން ބައެއް މަސައްކަތްތައް ނުނިމި އެބަހުރި ކަމަށާއި، ބޮޑުހިލަ ލިބުނުހާ އަވަހަކަށް ގިނަ ޕްރޮޖެކްޓްތަކެއް ނިންމާލެވޭނެ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހިލަ ލިބުމުގައި ދަތިތައް ކުރިމަތިވުމުގެ ސަބަބުން ވަރަށް ގިނަ މަޝްރޫޢުތައް މަސައްކަތް ނިމޭ ހިސާބުގައި މިހާރުވެސް ވަނީ މަޑުޖެހިފައެވެ. އެގޮތުން އިންޑިއާއިން މި ވަގުތު ހިލަ ގެންނަން ޖެހެނީ ބެންގަލޫރުން ކަމަށްވާތީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަޙައްދުން ހިލަ ގެނައުމަށް ވެސް ހުރަސްތަކެއް އެޅިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައަށް ހައްލެއް ލިބުމާއެކު ގިނަ މަޝްރޫޢުތަކެއް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އެސްޓީއޯ މެދުވެރިކޮށް ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވައި، ތެލުގެ އަގު އުފުލުމުގެ ސަބަބުން ވެސް މަޝްރޫޢުތަކަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މިހާރު ފަށާފައި ހުރި މަސައްކަތްތައް ނިންމުމަށް ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނުނިމި ގިނަ ދުވަސްތަކެއް ވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ނުގެންގޮސް އައު މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި، ހުއްޓިފައި ނުވަތަ ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށް ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.