ދައުލަތަށް މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ފޯރުކޮށްދިން ކަމަށް ބުނެ ސެންޓަ އެންޓަޕްރައިސަސްއަށް ދެ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ) ދެއްކުމަށް ދަށު ކޯޓުތަކުން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ އޮކްޓޫބަރު 2007 ގައި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ތަކެތި ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން މުދަލުގެ އަގާއި ޖޫރިމަނާ ހިމަނައިގެން ޖުމްލަ ފަސް މިލިއަން ޑޮލަރު ހޯދުމަށް ސެންޓަ އެންޓަޕްރައިސަސްއިން 2022 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުން ޖޫރިމަނާ އުނިކޮށް ދެ މިލިއަން ޑޮލަރު ދައްކަން ހުކުމްކުރުމުން، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންވެސް ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ ދަށު ކޯޓުތަކުން މައްސަލަ ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކުރުމެއް ނެތި ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ބުނާ ގޮތަށް އެކި ރަށްރަށަށް މުދާ ފޯރުކޮށްދީ ޖޮއިންޓް އިންސްޕެކްޝަން ހަދާފައިވާކަން އެނގޭނެ ލިޔުމެއް ނެތުމާއި، "ކޮމްބައިންޑް ޑެލިވަރީ ނޯޓް" ގައި މުދަލާ ހަވާލުވި މީހެއްގެ ނަމާއި ހައިސިއްޔަތު އަދި ތާރީޚު ވެސް އެނގެން ނެތްކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ހެކިންގެ ބަހުގައި ފުށުއެރުންތައް ހުރިކަމާއި، އެ ކުންފުނީގެ 2007 އިން 2009 އަށް ހުށަހެޅި މާލީ ބަޔާންތަކުގައި ވެސް އެފަދަ ފައިސާއެއް ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައި ނުވާކަން ކޯޓުން ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން އާ ހެއްކެއްގެ ގޮތުގައި ބަލައިގަތް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޚާއްޞަ އޮޑިޓް ރިޕޯޓާ ހަވާލާދީ ހުކުމުގައި ބަޔާންކޮށްފައިވަނީ، ސެންޓަ އެންޓަޕްރައިސަސްއިން ހުށަހެޅި ލިޔުންތަކުގައި އޭރު އެ ޑިޕާޓްމަންޓުގައި މަސައްކަތްނުކުރާ މީހެއްގެ ސޮއި އޮތް ކަމަށެވެ. އަދި ބޭންކް ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއް ކަމަށް ބެލެވުމާއި، ބޭނުންކޮށްފައިވަނީ އެހެން މަސައްކަތެއްގެ ޕްރޮޖެކްޓް ކޯޑު ކަމަށާއި، 2007 ވަނަ އަހަރު ޓެންޑަރ ބޯޑަށް ބޭނުންނުކުރާ ނަމެއް ލިޔުމުގައި އޮތްކަން ވެސް ވަނީ ފާހަގަވެފައެވެ.
މީގެއިތުރުން، މުދާ ޑެލިވަރީކުރި ކަމަށް ބުނާ ތާރީޚާ ހަމައަށް ވެސް އެ ބާވަތުގެ އެއްވެސް މުދަލެއް އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައި ނުވާތީ، މިއީ ހަގީގަތުގައި ހިނގާފައިވާ މުއާމަލާތެއްތޯ ބޮޑެތި ޝައްކުތަކެއް އުފެދޭ ކަމަށް ކޯޓުން ކަނޑައެޅިއެވެ. އަދި މިއީ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްކަން ވެސް ހުކުމުގައި ފާހަގަކުރެއްވިއެވެ.
މި ކަންކަމަށް ރިޢާޔަތްކޮށް، އެއްބަސްވުމުގެ ދަށުން މުދާ ފޯރުކޮށްދީފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާތީ، ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޙުސައިން ޝަހީދުގެ ރިޔާސަތުގައި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ހިމެނިވަޑައިގެންނެވި ބެންޗަކުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.