އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަދި ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އެތައް ލައްކަ ރައްޔިތުންނަކަށް، ފިނި މޫސުމުގެ ގަދަ ވިއްސާރައާއެކު އިންތިހާ ދަރަޖައިގެ ހިތްދަތި، ނިކަމެތި ހާލަތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ނޮވެމްބަރު މަހުގެ ކުރީކޮޅު މެދުތެރޭ ޣައްޒާގެ އައްޒަވައިދާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޖާބިރު އަލް-ކަސީހްގެ ފޭލިގެތަކަށް ފެންވަދެ، ގޮދަޑިތަކާއި ކާބޯތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އުތުރު ޣައްޒާގެ ބައިތު ލަހިޔާއިން ހިޖުރަކުރި ކަސީހް، "އަލްޖަޒީރާ"އަށް ކިޔައިދިން ގޮތުގައި، މިދިޔަ އަހަރުގެ ފިނި މޫސުމުގައިވެސް އޭނާ ދިރިއުޅުނު ކޭމްޕުގައި ތިން ހަތަރު ފަހަރު ފެންބޮޑުވެ، އަވަށްޓެރިންނަށް އެ ސަރަހައްދު ދޫކޮށްދާން ޖެހުނެވެ. އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގެ އާބާދީގެ 65 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 1.36 މިލިއަން މީހުން މިވަގުތު ދިރިއުޅެމުންދަނީ ވިއްސާރައިން ރައްކާތެރިކަމެއް ނެތް، ވީދި ހަލާކުވެފައިވާ ފޭލިގެތަކުގައެވެ.

ނޮވެމްބަރު 6 ވަނަ ދުވަހުގެ ރޭ ވެހުނު ވިއްސާރައިގައި އެންމެ 12 ގަޑިއިރު ތެރޭގައި 70،000 އެއްހާ ފޭލިގޭގައި ފެންބޮޑުވި ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ރިޕޯޓުކުރެއެވެ. މި ތޫފާނުގެ ސަބަބުން 226،000 އެއްހާ ރައްޔިތުން ހާލުގައި ޖެހި، 5،000 އަށް ވުރެ ގިނަ އާއިލާ ހިޔާވަހިކަމެއް ނެތި މަގުމަތިވިއިރު، އިތުރު 600 އާއިލާއަކަށް އެހެން ސަރަހައްދުތަކަށް ބަދަލުވާން މަޖުބޫރުވިއެވެ. މި ވިއްސާރައިގައި މީހުންގެ ފުރާނަތައް ވެސް ވަނީ ގެއްލިފައެވެ. އެގޮތުން ނޮވެމްބަރު 8 ގައި ދައިރުލް ބަލަހް ކައިރީގައި ކިސަޑު ފަސްގަނޑެއް ކަނޑައިގެން ގޮސް ފޭލިގެތަކުގެ މައްޗަށް އެޅި، ކުޑަކުދިން ހިމެނޭހެން ފަސް މީހުން ޝަހީދުވިއެވެ. މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ތުއްތު ކުއްޖަކު ގެނބިގެން މަރުވެފައިވާއިރު، ނޮވެމްބަރު 13 ގައި 9 މަހުގެ ތުއްތު ކުއްޖަކު ވަނީ ގަދަ ފިންޏަށް ކެތްނުކުރެވިގެން ނިޔާވެފައެވެ.

އިޝްތިހާރު އިޝްތިހާރު

ޣައްޒާގެ މުނިސިޕަލްޓީތަކުން އިންޒާރުދޭ ގޮތުގައި، މި ފިނި މޫސުމުގައި 1،000 އެއްހާ ފޭލިގެތަކުގައި ފެންބޮޑުވުމުގެ ބިރު އެބައޮތެވެ. އަދި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ 200،000 ފޭލިގެތައް ވަގުތުން ބަދަލުކުރަން ޖެހިފައިވާއިރު، ވެއްޓުމުގެ ނުރައްކަލުގައިވާ 2،000 އަށް ވުރެ ގިނަ އިމާރާތް އެބަހުއްޓެވެ. މުޅި ޣައްޒާގެ އާބާދީ ބިމުގެ 40 އިންސައްތައަށް ވުރެ ކުޑަ ސަރަހައްދަކަށް ފިތިބާރުވެފައިވާއިރު، އެ ސިޓީގެ އިމާރާތްތަކުގެ 82 އިންސައްތަ ސުންނާފަތިކޮށްލާފައި ވުމުގެ ސަބަބުން ރައްކާތެރި ހިޔާވައްސެއް ލިބުމުގެ އެއްވެސް ފުރުސަތެއް މިހާރަކު ނެތެވެ.

ފެންބޮޑުވުމުގެ މައިގަނޑު ސަބަބަކީ އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ފެން ހިންދާ ނިޒާމުތައް އެއްކޮށް ސުންނާފަތިކޮށްލާފައި ވުމެވެ. ޣައްޒާ ސިޓީގެ މައިގަނޑު ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް ވަނީ އެއްކޮށް ހުއްޓިފައެވެ. ނޮވެމްބަރު 7 ގައި އެހީއަށް އެދި ސިވިލް ޑިފެންސަށް 2،166 ކޯލު ލިބުނު ނަމަވެސް، ވަސީލަތްތައް ނެތުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެވުނީ އެންމެ 218 ތަނަށެވެ. މީގެ އިތުރުން، ނަޖިސް ފެންގަނޑުތައް ހެދި، ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މެނިންޖައިޓިސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 692 ކޭސް ރެކޯޑުކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ އިންޒާރު ނެރެފައެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ގަސްދުގައި ކުރިމަތިކުރަމުންދާ ހުރަސްތަކުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖުތަމައުން ފޮނުވި 150،000 އަށް ވުރެ ގިނަ ފޭލިގެ މިސްރުގެ އަލް އަރީޝް ސަރަހައްދުގައި ވަނީ ތާށިވެފައެވެ. މިވަގުތު ޣައްޒާގެ އެތެރޭގައި ލިބެންހުރީ އެންމެ 6،500 ފޭލިގެއެވެ. އިސްރާއީލުގެ މި ދަތިކުރުމާއި ހިސާރުގެ ސަބަބުން، ޣައްޒާގެ ކަޅުބާޒާރުގައި ޓެންޓެއްގެ އަގު ވަނީ 6،000 ޑޮލަރަށް އުފުލިފައެވެ. މިއީ އެއްވެސް އާމްދަނީއެއް ނެތް ނިކަމެތި އާއިލާތަކަށް އަތްފޯރާ ފަށަށްވުރެ މާ މަތީ އަދަދެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އިތުރަށް ގޯސްވެ، އިތުރު ތޫފާނެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވިފައިވާއިރު،އެ ރައްޔިތުންގެ ހަމައެކަނި އުއްމީދަކީ، ވާރެއާއި ފިނީގެ އަސަރު ނުކުރާނެ ފަދަ ބޯހިޔާވަހިކަމެއް ލިބޭނެ ދުވަހެއް ފެނުމެވެ.