އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ޓެރަރިސްޓު ހަމަލާތަކުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 19 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޣައްޒާގެ އެތަން މިތަނަށް ޓެރަރިސްޓް ހަމަލާތައް ދެމުންގެންދާއިރު، އާންމުންގެ އިތުރުން، ޣައްޒާ ސަރުކާރަށް ނިސްބަތްވާ ލީޑަރުންނާއި، އެނޫންވެސް ބޭފުޅުންނަށް އަމާޒުކޮށް އުދުވާނީ ހަމަލާތައް ގެންދަނީ ދެމުންނެވެ.
އިއްޔެވެސް، ޣައްޒާ ސަރުކާރުގެ ދާޚިލީ ވުޒާރާގެ އެންމެ އިސް ވެރިޔާ މުހައްމަދު އަބޫ އަލް އައުފުގެ ގެއަށް ޓެރަރިސްޓް ހަމަލާއެއްދީ އަބޫ އަލް އައުފުއާއި، އޭނާގެ އަނބިކަނބަލުން ނޫރާއާއި، އުމުރުން 15 އަހަރާއި 13 އަހަރުގެ ދެ އަންހެން ދަރިންވެސް އަވަހާރަ ކޮށްލާފައި ވެއެވެ. އެއީ ހަމާސްއާ އެއްވެސް ގުޅުމެއްހުރި ބައެއް ނޫން ކަމަށް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
ޓެރަރިސްޓުން ހިންގި މި ޖަރީމާއަށް އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓް ޑިފެންސް މިނިސްޓަރ ކާޓްޒް ތައުރީފް ކޮށްފައިވާއިރު، ޓެރަރިސްޓުން ޣައްޒާ ސަރުކާރުގެ ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރ ޚާލިދު އަބޫ ނަދާގެ އެޕާޓްމަންޓަށް ހެނދުނު ބޮންއަޅައި އޭނާއާއި އަނބިކަނބަލުންވެސް އަވަހާރަ ކޮށްލާފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން އެކަނިވެސް ޓެރަރިސްޓުން ހަމަލާދީ ޣައްޒާއިން މިހާތަނަށް 1،705 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 74،772 އަށް އަރާފައި ވާއިރު، ޒަޚަމްކޮށްލި މީހުންގެ އަދަދު 176،298 އަށް އަރާފައި ވެއެވެ.
އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި އެތަކެއްހާސް މީހުން އަދިވެސް ސީރިއަސް ހާލުގައ ތިބިއިރު، ކުޑަކުދިންނާއި، އަންހެނުންނާއި އެތަކެއް ހާސް ޒުވާނުންގެ އަތްފައި ބުރިކޮށް ދާއިމަށް ނުކުޅެދޭ މީހުންނަށް ވެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު