ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ "ސްޕީޑް ބޯޓް ޑްރައިވިންގ ކޯސް -1" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކޯސް ނިންމުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރެވެ. މި ރަސްމިއްޔާތުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާނާއި، ކޮލެޖާއި މެރިން ޕޮލިހުގެ އިސްވެރިންނާއި ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.
2026 އޮގަސްޓު 9 އިން ފެށިގެން 83 ދުވަހުގެ މުއްދަތަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ކޯހުން 1 ވަނަ ހާސިލުކޮށްފައިވަނީ ސާޖަންޓް އަޙްމަދު ޖޫދު ޠާހިރެވެ. މި ކޯހުގައި މި ޚިދުމަތުގެ 15 މުވައްޒަފުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ފުލުހުންނާއި ސިވިލް ތިން މުވައްޒަފުންނެވެ. މި 15 މުވައްޒަފުންނަކީ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ، ކަނޑު އުޅަނދު ފަހަރު ދުއްވުމުގެ ހުއްދަލިބިފައިވާ އަދި ފުލުހުންގެ މަސައްކަތުގައި ކަނޑުތަކަށް ނުކުންނަން ކެރޭ ހީވާގި ކެޕްޓަނުންނެވެ.
ހަތް މޮޑިއުލެއް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ކޯހުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަމާއި، މެރިޓައިމް ނެވިގޭޝަނާއި، އިންޓަނޭޝަނަލް މެރިޓައިމް ލޯ އަދި އުޅަނދު ފަހަރުގެ އިންޖީނުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ކުދި މަރާމާތުތައްކުރަން ދަސްކޮށްދިނުމުގެ އިތުރުން އުޅަނދު ފަހަރުގެ ހަލް މަރާމާތުކޮށް ދިގުމުއްދަތަކަށް ބެލެހެއްޓޭނެ ގޮތްތަކާއި ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން ކަނޑުމަތީގެ ހާދިސާތަކާއި މީހުން ސަލާމަތްކުރުމުގައި އަމަލުކުރާނެގޮތާއި އެހީތެރިކަން ފޯރުކޮށް ދޭނެގޮތުގެ އިތުރުން ކަނޑުތަކުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޕޮލިސިންގެ ދައުރު އަދާކުރާނެ ގޮތްތަކާއި، ސީން ތަކަށް އެޓެންޑުވުމުގައި ޕްލޭން އެކުލަވައިލައި އަދި ޗާޓުކުރަހައި ސާޗިންގ ޕެޓާން ތައްޔާރުކުރާނެގޮތާއި، ދަތުރު ޕްލޭންތައް ހެދުމާއި ކަނޑުމަތިން އެޓެންޑުވާ ސީންތަކުގައި ފަސްޓް އެއިޑް ފޯރުކޮށްދޭނެގޮތްތައް އުނގަންނައިދީފައިވެއެވެ.
ހަމަ އެހެންމެ، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުގެ ދިރުންތަކާއި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި މޫސުމީގޮތުން ނެރޭ އިންޒާރުތަކުގައި އަމަލުކުރާނެ ގޮތާއި، މޫސުމަށް ބަލައިގެން ރައްކާތެރިގޮތުގައި ދަތުރުކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ދަސްކޮށްދީފައިވެއެވެ. އަދި ފުލުހުންގެ އުޅަނދުފަހަރު ގެންގުޅުމާއި ބޭނުންކުރުމުގައި ހެދިފައިވާ އުސޫލުތަކާއި ހިދުމަތުގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ އުޅަނދުފަހަރު ދުއްވަން ދަސްކޮށްދިނުމާއި އައުޓްބޯޑު އުޅަނދުފަހަރުގެ އިތުރުން އިންބޯޑް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނަގައިދީފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.