ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ އަހަރީ ބޯނަސް މިއަދު ދީފިއެވެ. އެނގިފައިވާ ގޮތުގައި މިއަދު ހަވީރުން ފެށިގެން މުވައްޒަފުންގެ އެކައުންޓުތަކަށް ބޯނަސް ޖަމާކޮށްދޭން ފަށާފައި ވަނީ މި މަހުގެ މުސާރައާ އެކުގައެވެ.
އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ފަހު މުވައްޒަފުންނަށް ބޯނަސް ދޭން ނިންމާފައިވާއިރު، މި ފަހަރު ބޯނަސް ދީފައި ވަނީ ކޮންމެ މުވައްޒަފެއްގެ ވެސް މަސައްކަތުގެ ފެންވަރަށް ނުވަތަ ޕާފޯމަންސަށް ބަލައިގެން ކަމަށް ބައެއް މުވައްޒަފުން މައުލޫމާތު ދެއެވެ. ބޯނަސް ދިނުމުގެ އުސޫލަށް ގެނައި މި ބަދަލަކީ ވަރަށް އިންސާފުވެރި އަދި މުހިންމު އިސްލާހީ ހެޔޮ ފިޔަވަޅެއް ކަމަށް ފާހަގަކޮށް ގިނަ މުވައްޒަފުން ވަނީ މިކަމާ މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.
އެމްއޭސީއެލުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، އަހަރީ ބޯނަސް ލިބެނީ އަހަރުގެ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވާ މުވައްޒަފުންނަށެވެ. އަދި ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު ވަކިވި މުވައްޒަފުންނަށް ބޯނަސް ދެނީ މަސައްކަތްކުރި މުއްދަތަށް ބަލައި ޕްރޮ-ރޭޓާ އުސޫލުންނެވެ. ނަމަވެސް އަޚުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް މި ބޯނަސް ނުލިބޭނެ ކަމަށް އެ ކުންފުނިން ކުރިން ހާމަކޮށްފައިވެއެވެ.
އެމްއޭސީއެލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އަދި އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އަދާކުރާ އެއް ކުންފުންޏެވެ. ގައުމުގެ އިގްތިސާދާ ސީދާ ގުޅިފައިވާ އެ ކުންފުނީގެ މުވައްޒަފުންނަށް މިހާރު ވެސް މުސާރައިގެ އެއްބައި ޑޮލަރުން އަދި އަނެއް ބައި ރުފިޔާއިން ޖަމާކޮށްދެމުން ގެންދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.