ރަސްމާލެ މަޝްރޫއަށް ތާއީދުކުރައްވަނީ އެ މަޝްރޫއުގެ ހަގީގީ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫގައި އިމާރާތްކޮށްފައިވާ ބަނދަރުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގްވާމީ މުޖުތަމައަށް ހުޅުވާލެވިފައިއޮތް ގައުމެއް ނަމަވެސް އިސްރާއީލުގެ ރައްޔިތުންނަށް ދިވެހި ފަސްގަނޑު މަނާވާނެކަމަށެވެ. އަދި އިސްރާއީލުގެ ޒަޔަނިސްޓުން ރާއްޖެ ވަނުން މަނާކުރުމުގެ ހިތްވަރެއް ހުރި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ފަސްގަނޑަށް ދެރަވާނެ އެއްވެސް ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވިއެވެ. އެހެންނަމަވެސް ގައުމާއި އިސްލާމްދީނަށް ރިއާޔަތް ކުރައްވައިގެން މިގައުމަށް ބޭނުންވާ ތަރައްގީ ހޯދައިދެއްވުމަށް ރައީސް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން އިސްނަގައިގެން ފެށި ބިޔަބޮޑެތި މަޝްރޫއުތައް ކުރިޔަށްގެންގޮސްގެން ނޫނީ، އަހަރެމެން މިތިބި ހަރުފަތުން އެހެން ހަރުފަތަކަށް ވާސިލު ނުވެވޭނެ ކަމަށެވެ. ދިވެހިރާއްޖެ މިއޮތީ މުޅިދުނިޔެއަށް ހުޅުވައިލެވިފައި ކަމަށާއި، ރަސްމާލެއަށް ގެންނަވާ ތަރައްގީ އަކީ މިރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ތިބޭފުޅުންގެ މަސްލަހަތުގައި. މި ދެންނެވި އެއްވެސް ކަމެއް ކުރައްވާއިރު މިދެންނެވި އެއްވެސް ކަމަކަށް ހިޔަނި އެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ. މިއަދު ރަސްމާލޭގެ މަސައްކަތް ތި ރައްޔިތުންނަށްޓަކައި އެ ފެއްޓެވީ. އަދި އެތަނަށް ގެންނަ ތަރައްގީއަކީ ރައްޔިތުންގެ މުސްތަގުބަލު އުޖާލާކުރައްވަން ކުރައްވާ މަސައްކަތް. އެ މަޝްރޫއަށް ތާއީދުކޮށްގެން މިތިބީ އެ މަޝްރޫއުގެ ހަގީގީ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެތީ." ނައިބު ރައީސް
ނައިބު ރައީސް ވަނީ ރަސްމާލެ މަޝްރޫއަށް ހުރަސްއެޅުމުގެ މަގުސަދުގައި ނަމަވެސް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.
ނައިބް ރައީސް ވިދާޅުވީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ ކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވުމަށްޓަކައި ކެރިވަޑައިގެން ސާބިތުކަމާއެކުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވިތަން ދިވެހި ރައްޔިތުންނަށް ފެނިގެންދާ ކަމަށެވެ.އަދި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް އެބައޮތްކަމަށާއި، އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގަކަށް އުނިކަން ނާންނާނެ ފަދައިން ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ހާމަވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.