ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި ޕްރޮޕެލާ ގާޑު އެޅުވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އެންމެ ފަހު މުއްދަތު ދީފިއެވެ.

އެ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ސަމްޕާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނުގައިވާ ގޮތުގެ މަތިން، ސްނޯކަލިންގ އަދި ޑައިވިންގ ފަދަ ކަންކަމަށް މީހުން އުފުލާ އުޅަނދުފަހަރުގައި ޑިސެންބަރު 31 ގެ ކުރިން ޕްރޮޕެލާ ގާޑު ހަރުކުރަންޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތަށްފަހު، އެ ސަރަޙައްދުގައި ބޭނުންކުރެވޭނީ ހަމައެކަނި ޖެޓް އިންޖީނުލީ އުޅަނދުތަކާއި ޕްރޮޕެލާ ގާޑު އަޅުވާފައިވާ އުޅަނދުފަހަރު އެކަނި ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން ދިގުރަށުގެ އުތުރު ކަނާ ދެމެދު އޮންނަ ރަށްރަށުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަޙައްދެއް ހިމެނޭހެން 2009 ވަނަ އަހަރު ޙިމާޔަތްކުރި ސަމްޕާއަކީ، ފެހުރިހި ކާނާ ހޯދުމަށް ރާއްޖޭގައި އެންމެ ގިނައިން ޖަމާވާ މަންޒިލެވެ. މިކަމުގެ ސަބަބުން ގިނަ ޢަދަދެއްގެ ފަތުރުވެރިން އެ ސަރަޙައްދަށް ޒިޔާރަތްކުރަމުން ދިޔަ ނަމަވެސް، އުޅަނދުތަކުގެ ބުރަފަތީގައި ޖެހި މީހުންނަށާއި ފެހުރިއްސަށް ނުރައްކާތެރި އަނިޔާތައް ލިބުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. ވަކިން ޚާއްޞަކޮށް، ފެހުރިހި ބަލަން މޫދުގައި އޮތް ފަތުރުވެރިއެއްގެ ގައިމަތިން ލޯންޗެއް ގޮސް މަރުވި ހިތާމަވެރި ހާދިސާއަކާ ގުޅިގެން މި މައްސަލަ ވަރަށް ބޮޑަށް ހޫނުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިފަދަ ނުރައްކާތައް ހުއްޓުވުމަށްޓަކައި އުޅަނދުތަކުގައި ބުރަފަތި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިޢުލާންކުރި ނަމަވެސް، ފަހުން ވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު މުއްދަތެއް ދީފައެވެ. އަދި މިހާރު ދީފައިވާ މުއްދަތަކީ މިކަމަށް ދެވޭނެ އެންމެ ފަހު ފުރުޞަތެވެ.

މީގެއިތުރުން، އެ ސަރަޙައްދު ބެލެހެއްޓުމުގެ އައު ޕްލޭނުގެ ދަށުން، އެއްފަހަރާ މޫދަށް ފައިބައިގެން އުޅެވޭނީ އެންމެ ގިނަވެގެން 60 މީހުންނަށެވެ. އަދި އެއްވަގުތެއްގައި އެ ސަރަޙައްދަށް މީހުން ފައިބައިގެން އުޅުމުގެ ހުއްދަ އޮންނާނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުން އެކަންޏެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑް ލިސްޓުގައި ޖުލައި 2016 ގައި ފެހުރިއްސަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މި ފިޔަވަޅުތަކަކީ މި ނާޒުކު ދިރުންތަކާއި ފަތުރުވެރިންގެ ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.