ރާއްޖެއަށް 250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އެތެރެކުރުމާއި އުފެއްދުމުގެ އިތުރުން ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.
މިކަން މަނާކޮށްފައިވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރަށް ގެންނެވި އިސްލާހެއްގެ ދަށުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ގެންނެވި މި ބަދަލާއެކު، ލިސްޓުގެ 14 ވަނަ ނަންބަރުގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު ވަނީ 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށްފައެވެ. އެހެންކަމުން، ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް 250 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކުމާއި އެތެރެކުރުން މިހާރު ވަނީ މަނާވެފައެވެ.

މި އިސްލާހުތައް ހިމަނައިގެން އެކުލަވާލި ގަރާރު ނަންބަރު 15/2026 މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މިއީ ކުރިން އަމަލުކުރަމުން އައި ގަރާރު ނަންބަރު 35/2025 އަށް ގެނެވުނު އިސްލާހެކެވެ.
މި ގަރާރަށް ގެނައި އިސްލާހުގެ ދަށުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީހު ވަނީ 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ފަސްކޮށްފައެވެ. އަދި މި ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހު ވެސް ވަނީ 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ފަސްކޮށްފައެވެ.
މީގެ އިތުރުން، ލިސްޓުގެ 13 ވަނަ ނަންބަރުގައި ހިމެނޭ ޕްލާސްޓިކް ފެންފުޅި މަނާކުރުމުގެ މުއްދަތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި އަދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީހު ވަނީ 1 ޑިސެންބަރު 2029 އަށް ފަސްކޮށްފައެވެ. އަދި މި ސައިޒުގެ ފެންފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީހަކީ 1 ޖޫން 2030 ކަމުގައި ވަނީ ކަނޑައަޅައިފައެވެ.










ކިޔުންތެރިންގެ ހިޔާލު