ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ މާލީ އަދި ތިމާވެށީގެ ހިރާސްތައް ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން ތިމާވެށީގެ ދާއިރާއަށް 1.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ބުނީ، ދުނިޔެ ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގިނަގިނައިން މޫސުމީ ކާރިސާތައް ކުރިމަތިވުމުގެ އިތުރުން ފަރުތަކުން މުރަކަ ހުދުވުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 60 އިންސައްތަ ޙިއްޞާކުރާ އަދި ދައުލަތުގެ އާމްދަނީ ބިނާވެފައިވާ މައި ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްގިރުމުގެ ސަބަބުން އެއާޕޯޓްތަކާއި ބަނދަރުތައް ފަދަ މުހިންމު ޢުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް ހުރަސްއެޅި، މަރާމާތުތަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުތަނުން އިތުރުވެގެންދެއެވެ. އެހެންކަމުން، މިފަދަ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތަ (އަވީގެ ހަކަތަ) ފަދަ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދެމުންނެވެ.
މި ސިޔާސަތުތަކުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ތިމާވެށި ރައްކާތެރިކުރުމުގެ އެކި ދާއިރާތަކަށް ޖުމްލަ 1.475.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް: 820.9 މިލިއަން ރުފިޔާ
-
ނަރުދަމާގެ ނިޒާމުތަކަށާއި ތަޣައްޔަރުވުން ކުޑަކުރުމަށް: 300.3 މިލިއަން ރުފިޔާ
-
ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވެށި ޙިމާޔަތްކުރުމަށް: 270.7 މިލިއަން ރުފިޔާ
-
ތިމާވެށީގެ ދާއިރާއިން ދިރާސާކުރުމާއި ތަރައްޤީއަށް (ރިސާޗް): 0.4 މިލިއަން ރުފިޔާ
-
ތިމާވެށި ރައްކާތެރިކުރުމުގެ އެހެނިހެން ކަންކަމަށް: 74.9 މިލިއަން ރުފިޔާ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތިމާވެށީގެ ދާއިރާގެ އިތުރުން ޞިއްޙަތު، ތަޢުލީމު، އިޤްތިޞާދު، އިޖުތިމާޢީ ރައްކާތެރިކަން އަދި ގެދޮރުވެރިކަން ހިމެނޭހެން މައިގަނޑު 10 ދާއިރާއަކަށް ވަނީ ޚަރަދުތައް ބަހާލައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.