ދިވެހިރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ހައިކޮމިޝަނަރު، ޑރ. ހާލާ ޙަމީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެގައުމުގެ ރައީސް މަތަމެލާ ސިރިލް ރަމަފޯސާއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ސައުތު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ ސެފަކޯ މަކްގާތޯ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ރަމަފޯސާއަށް ހެޔޮއެދުންތަކާއި ތަހުނިޔާ ހައިކޮމިޝަނަރު ޑރ. ހާލާ ޙަމީދު އަރިސްކުރެއްވިއެވެ. މީގެއިތުރުން، ރައީސް ރަމަފޯސާއަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ސައުތު އެފްރިކާގެ އެންމެހައި ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަމަސަލަސްކަމާއި ފާގަތި މުސްތަގުބަލަކަށް ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި އެކަމަނާ އެދިވަޑައިގެންނެވިއެވެ.
އަދި ހަމައެއާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް، ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނަރު ދެއްވިއެވެ. އަދި ދެފަރާތަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށްޓަކައި، ސައުތު އެފްރިކާގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ވެސް އެކަމަނާ ހާމަކުރެއްވިއެވެ.
ސައުތު އެފްރިކާއަށް ރާއްޖެއިން ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކުރުމަކީ އެފްރިކާ ބައްރުގައި ދިވެހިރާއްޖޭގެ ޚާރިޖީ ދައުރު ފުޅާކޮށް، އެ ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ޑރ. ހާލާ ޙަމީދުގެ އަރިހުގައި ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުގެ މަގާމުގެ ޒިންމާތައް ޑރ. ހާލާ ޙަމީދު އަދާކުރައްވަމުން ގެންދަވާނީ ދިވެހިރާއްޖޭގައި ހުންނަވައިގެންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.