ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އިނގިރޭސިވިލާތާއި އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އިއްޔެ ސޮއިކޮށްފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ ހުޅުމާލެ 2 ގައި ގާއިމުކުރާ 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ތަރައްގީކުރާ މަރުކަޒެކެވެ. މި ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށައި، ޑިސެމްބަރު 2028 ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްއެވެ. މަސައްކަތް ހަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ޑިރެކްޓަރު ޗިމްޓަން ސޯނީއެވެ.

އިޝްތިހާރު އިޝްތިހާރު

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ފަރުވާތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ގައުމުގައި ތިބެގެން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަރުކަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީގެ ފަރުވާ މިހާރު ދިންނަމަވެސް، ރޭޑިއޭޝަން ތެރަޕީއާއި ނިއުކްލިއާ މެޑިސިން އަދި ޕެޓްސީސީޓް ފަދަ ހިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އަދި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހުމަކީ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމެކެވެ. މި ސެންޓަރު ގާއިމުވުމުން އާއިލާގެ ގާތުގައި ތިބެގެން އަވަހަށް ބަލި ދެނެގަނެ، ފަރުވާގެ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި މަރުކަޒުގައި އިމަޖެންސީ އަދި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާދެވޭނެ އިންތިޒާމުތައް ހުންނާނެއެވެ. މީގެ އިތުރުން ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދޭނެ ވޯޑުތަކާއި، ސާޖަރީތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރުތަކުގެ އިތުރުން ކީމޯތެރަޕީ ދޭނެ ޑޭކެއާ ޔުނިޓްތައްވެސް ހިމެނޭނެއެވެ.

މި މަރުކަޒުގައި އެންމެ ފަހުގެ 3ޑީ، ސީއާރުޓީ، އައިއެމްއާރުޓީ އަދި އައިޖީއާރުޓީ ޓެކްނޮލޮޖީގެ އެހީގައި ރޭޑިއޭޝަން ތެރަޕީގެ ހިދުމަތް ދެވޭނެއެވެ. ސީޓީ ސިމިއުލޭޝަނާއި ޕެތޮލޮޖީ ޓެސްޓުތަކުގެ އިތުރުން ނަފްސާނީ އެހީތެރިކަމާއި ސަޕޯޓިވް ކެއާގެ ހިދުމަތްތައްވެސް މިއަހަރު މަސައްކަތް ފަށާ މި ސެންޓަރުން ލިބޭނެއެވެ.