ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އެ ގައުމަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ތުރުކީގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައި މި މަހުގެ 20 ގެ ނިޔަލަށް މި ސަމިޓު ކުރިއަށްދާއިރު، ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނީ މި މަހުގެ 11 އިން 12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ލީޑާސް ސަމިޓުގައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮޕް ސަމިޓަކީ ރާއްޖެއަށް އިންތިހާއަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައިވެސް ރާއްޖެއަކީ ތިމާވެށި ހިމާޔަތްކުރުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ޒިންމާދާރު ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ އިތުރުން ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖެއިން މި ސަމިޓުގައި އަޑުއުފުލައި ވަކާލާތު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ބައިނަލްއަގުވާމީ މުއާހަދާތައް ފުރިހަމައަށް ތަންފީޒުކުރުމަށް މި ސަމިޓުގައި ބާރުއަޅުއްވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ކުރައްވާ ކޮންމެ ދަތުރުފުޅެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ފަހިކުރުމަށެވެ. މިގޮތުން ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި 20 ދާއިރާއަކުން ވެވުނު އެއްބަސްވުންތަކުގެ މަސައްކަތްތައް މިހާރު ފެށިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ޕާކިސްތާނަށް ވައިގެ ދަތުރުތައް ފެށުމަށާއި، ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ 10 ވަރަކަށް އަހަރު ހުއްޓިފައި އޮތް ސާކް ޖަމިއްޔާގެ ހަރަކާތްތައް އަލުން އިއާދަކުރުމަށްޓަކައި ރާއްޖެއިން ގިނަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.