އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ބައްދަލުވުން (ކޮޕް31) ތުރުކީގެ މެޑިޓެރޭނިއަން ސަރަޙައްދުގެ ރިސޯޓް ސިޓީއެއް ކަމަށްވާ އަންތަލިޔާގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ސަމިޓުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި، އިސް މަސްއޫލުވެރިންނާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުންގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އަނަދޯލޫ ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
ފުރަތަމަ ފަހަރަށް 1995 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ބޭއްވުނު މި ސަމިޓަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ކުރިއެރުން ވަޒަންކުރުމަށާއި، އެންމެން ގުޅިގެން ޙައްލުތައް ހޯދުމަށާއި، ދުނިޔޭގެ މޫސުމީ ސިޔާސަތުތައް ބައްޓަންކުރުމަށް ނިންމާ މުހިންމު ނިންމުންތައް ނިންމުމަށް ޤައުމުތަކަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ. މިއަހަރުގެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަނީ ތުރުކީންނެވެ. ނޮވެމްބަރު 9 އިން 20 އަށް ކުރިއަށްދާ މި ސަމިޓުގައި ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ސިޔާސަތުތަކާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
"ކޮޕް އޮފް ދަ ފިއުޗަރ – ކޮޕް އޮފް އިމްޕްލިމެންޓޭޝަން" މި ޝިޢާރުގެ ދަށުން ބާއްވާ މި ސަމިޓް ބިނާވެފައިވަނީ މަޝްވަރާކުރުމާއި، އެއްބަސްވުންތަކަށް ވާސިލުވުމާއި، އަދި ޢަމަލީ ގޮތުން ފިޔަވަޅު އެޅުމުގެ މައްޗަށެވެ. މި ސަމިޓުގެ މައިގަނޑު މަޤްޞަދަކީ ޤައުމުތަކުގެ މެދުގައި އިތުބާރާއި އެއްބާރުލުން އިތުރުކުރުމާއި، މޫސުމީ ކަންކަމުގައި ވެފައިވާ ވަޢުދުތައް ޢަމަލީ، މިންކުރެވޭނެ ނަތީޖާތަކަކަށް ބަދަލުކުރުމެވެ. މި ބައްދަލުވުމަށްޓަކައި އަންތަލިޔާގައި ވަނީ 1.1 މިލިއަން އަކަމީޓަރުގެ ބޮޑު ސަރަޙައްދެއް ތައްޔާރުކޮށްފައެވެ.
ސަމިޓުގެ ޙަރަކާތްތައް ކުރިއަށްދާނީ މައިގަނޑު ދެ ސަރަޙައްދަކަށް ބަހާލައިގެންނެވެ. އެއީ "ބްލޫ ޒޯން" އަދި "ގްރީން ޒޯން" އެވެ.
ބްލޫ ޒޯނަކީ އދ. ގެ އެކްރެޑިޓޭޝަން އުޞޫލުތަކާ އެއްގޮތަށް ވަދެވޭ ގޮތަށް ކަނޑައަޅާފައިވާ، ރަސްމީ މަޝްވަރާތަކާއި ޑިޕްލޮމެޓިކް ބައްދަލުވުންތައް ބާއްވާ ސަރަޙައްދެވެ. މި ސަރަޙައްދުގައި ޕްލެނަރީ ހޯލްތަކާއި، ވަފުދުތަކުގެ އޮފީސްތަކާއި، ޕެވިލިއަންތަކުގެ އިތުރުން މީޑިއާ ސެންޓަރާއި ރެސްޓޯރެންޓްތައް ހިމެނެއެވެ. ޢާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަކޮށްފައިވާ ގްރީން ޒޯނުގައި ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި ޒުވާނުންނަށް މޫސުމީ ޙައްލުތަކާއި ޓެކްނޮލޮޖީތައް ޙިއްޞާކުރުމަށް މައުރަޒުތަކާއި، ވޯކްޝޮޕްތަކާއި، މަޝްވަރާ ބައްދަލުވުންތައް ބޭއްވޭނެއެވެ. މީގެއިތުރުން ތުރުކީ ޕެވިލިއަން، ސައިންސް ސެންޓަރު އަދި ސްޓާޓް-އަޕް ޒޯން ފަދަ ވަޞީލަތްތައް މި ސަރަޙައްދުގައި ހިމެނެއެވެ.
ކޮޕް31 ގެ ހޯލްތަކަށް ނަންދީފައިވަނީ އަނަތޯލިއާގެ ތާރީޚާއި ތުރުކީ-އިސްލާމީ ޙަޟާރާތް ރަމްޒުކޮށްދޭ ގޮތަށެވެ. އެގޮތުން ބްލޫ ޒޯނުގައި ހުންނަ 1،794 މީހުންގެ ޖާގައިގެ އެންމެ ބޮޑު ހޯލަށް "އަނަދޯލޫ" ގެ ނަން ދީފައިވާއިރު، އަނެއް ހޯލަށް ދީފައިވަނީ "އަކްދެނިޒް" ގެ ނަމެވެ. އަދި ގްރީން ޒޯނުގައި ހުންނަ 5،000 މީހުންގެ ޖާގައިގެ އެންމެ ބޮޑު ހޯލަށް ނަންދީފައިވަނީ "ޣައްޒާ ހޯލް" ގެ ނަމުންނެވެ.
މި ސަމިޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނާއި، ޖެންޑާމަރީ އަދި ކޯސްޓްގާޑް ހިމެނޭހެން 27،957 އޮފިސަރުން ވަނީ ޙަރަކާތްތެރިކޮށްފައެވެ. އަދި ޞިއްޙީ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް ފަސް މެޑިކަލް ސްޓޭޝަނަކާއި، ކާރިސާތައް މެނޭޖްކުރާ ޚާއްޞަ ސެންޓަރެއް ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން، ބައިވެރިން ދަތުރުފަތުރު ކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި 630 ބަސް ވަނީ ހަމަޖައްސާފައެވެ.
މި ސަމިޓުގެ ޙަވާސާގައި ޤަޒަކިސްތާނުން އެކަނިވެސް ތިމާވެށްޓާއި މޫސުމާ ގުޅޭ ގޮތުން 28 އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ ކުރިމަގުގެ ޖީލުތަކަށްޓަކައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭއްވޭ ނުހަނު މުހިންމު ބައްދަލުވުމެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.