މި ސަރުކާރުން ސިޔާސީ ބޭނުމަކަށްޓަކައި އެއްވެސް ސިޔާސީ ޝަޚްޞިއްޔަތެއް ހައްޔަރު ނުކުރާނެ ކަމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި އެންމެންގެ މެދުގައި ހަމަހަމަކަން ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ވަޒީރަކަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނުފޫޒުގަދަ ފަރާތްތަކާމެދު ޤާނޫނު ނުހިނގާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ބަދަލުހިފުމުގެ ގޮތުން މީހުން ހައްޔަރުކުރުމުގެ ސަގާފަތަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން މިހާތަނަށްވެސް އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ހައްސާސް މައްސަލަތަކުގައި ކުށުގެ ތުހުމަތު ކުރެވެނީ ކޮންމެ ފެންވަރެއްގެ ބޭފުޅަކަށް ވިޔަސް، ޤާނޫނުގެ ބާރު ފުރިހަމައަށް ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ އިމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއާތުތައް (ޑިއު ޕްރޮސެސް) ހިންގުމަށް ސަރުކާރުން ފުރިހަމަ މިނިވަންކަން ދޭނެ ކަމަށާއި، އެއްވެސް އިދާރާއަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ކަށަވަރުކަން އެމަނިކުފާނު ދެއްވިއެވެ.
ރޫލް އޮފް ލޯ ތަންފީޒުކުރުން، ޤާނޫނުއަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުން، މިހެންގޮސް މި ހުރިހާ ކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަން ކަމުގައި ވާންޖެހޭނެ.
ޤާނޫނުގެ ވެރިކަން ދެމެހެއްޓެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށްވެސް ސިޔާސީ ބޭނުމެއްގައި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅުއްވާފައި ނުވާނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އެއްވެސް ޢަމަލެއް ނުހިންގަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.