ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލުގެ ދަށުން، ވަކި މުއްދަތެއް ނެތް ގޮތަށް އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުވެސް އިމިގްރޭޝަން ގާނޫނުގައި އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް، އެއީ 7 އޮކްޓޯބަރު 2023 ގެ ހާދިސާއާ ގުޅިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ލާއިންސާނީ ޖަރީމާތައް ހުއްޓާލައި، ހާލަތު ބަދަލުވަންދެން ގެނެސްފައި އޮތް ވަގުތީ އިސްލާހެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އައު ބިލުގައި އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން، މި ބިލުގައި އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފައި ވަނީ އެއްވެސް ހާލަތަކަށް ރިއާޔަތްކުރުމެއް ނެތި، މުތުލަގު ގޮތެއްގައެވެ. އަދި މި ބިލު ފަރުމާކޮށްފައި އޮތީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ހަރުދަނާ އުސޫލަކުން ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިހާރުގެ ބިލުގައި އެ ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނެ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެހެންވީމާ ވަރަށް ފާމްކޮށް ނޫނީ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިބަޔާންކުރަނީ އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެއީ ވަކި ކަމަކާ ގުޅުވައިގެންނެއް ނޫން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަނިޔާވެރި އަމަލުތަކަކީ ދިވެހިރާއްޖެއިން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް އެ ގައުމުގެ މީހުން އެތެރެނުވެވޭ ގޮތަށް އޮތުމަކީ ލޮބުވެތި ދިވެހި ރައްޔިތުންވެސް އެދޭނެ ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރުމުގައި ރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ނުކުރާ މިންވަރުގެ މަސައްކަތްތަކެއް މި ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން، ބައިނަލްއަގުވާމީ ކޯޓުތަކަށް އިސްރާއީލާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ތަދައްޚުލުވެ ބައިވެރިވެފައިވާ ކަމަށާއި، ބައިނަލްއަގުވާމީ އެކި މަންސަތަކުގައި އިސްރާއީލާމެދު ރާއްޖެއިން ދެކޭ ހަރުދަނާ ވިސްނުން ފާޅުކުރައްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.