މީގެ 156 ހަފުތާ ކުރިން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވީ ހުކުރު ދުވަހު، ދިވެހިރާއްޖޭގެ ވެރިކަމުގެ ޒަޢާމަތާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގަތީ، އެތައް ޒަމާނެއްގެ މާޔޫސްކަމުގައި ތިބި ދިވެހި ރައްޔިތުންގެ އުންމީދުތަކުގެ ބުރަ އަމާނާތް ކޮނޑުއަޅުއްވަމުންނެވެ. އެއީ ހަމައެކަނި ވެރިކަމެއް ބަދަލުވެގެން ދިޔަ ދުވަހެއް ނޫނެވެ. އެއީ ދިވެހި ޤައުމުގެ މިސްރާބު، ވަގުތީ ޙައްލުތަކުގެ އޮއިވަރުން ނެއްޓި، ދާއިމީ ހަމަޖެހުމާއި އަމިއްލަވަންތަކަމުގެ އައްސޭރިއަކަށް ރުޖޫޢަވާން ފެށި އައު ފަތިހެއްގެ ފެށުމެވެ.
އެ ދުވަހު ރާއްޖޭގެ ޙާލަތު އޮތީ ބޮޑެތި މައްސަލަތަކުގެ ވާދަވެރި އަނދަވަޅެއްގައެވެ. ބޯހިޔާވަހިކަމެއް ނެތި ކުދިކުދި ގޮޅިތަކުގައި ހައްޔަރުވެފައި ތިބި ޢާއިލާތަކުގެ އާހާއި، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއަށް ސަލާންޖަހަން ޖެހިފައި އޮތް އޮތުމެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާމާއި އިޤްތިޞާދީ ނާރެސް ފޫދުއްވާލާފައިވާ ބިދޭސީންގެ ބޮޑުވެފައިވާ މައްސަލައާއި، ޒުވާން ޖީލު ވަކިއަޅަމުންދިޔަ މަސްތުވާތަކެތީގެ ވަބާއެވެ. އަދި ޤައުމުގެ އިޤްތިޞާދު އޮތީ ބޭރުގެ ދަރަންޏާއި ފައިސާ ޗާޕުކުރުމުގެ ވިހައިގެ ސަބަބުން، މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ނާޒުކު ފައްތަރެއްގައެވެ. މިއިން ކޮންމެ ކަމަކީ އެއް ފަލްސަފާއަކުން ގުޅިފައިވާ ޒަމާންވީ ޒަޚަމްތަކެކެވެ. މާޒީގައި މި ޒަޚަމްތަކުގައި އެޅީ ވަގުތީ ފޮތިގަނޑެކެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒު އިޚްތިޔާރު ކުރެއްވީ ފަސޭހަ މަގެއް ނޫނެވެ. އެމަނިކުފާނު ނިންމެވީ ތަދާއި އުނދަގޫ ތަޙައްމަލުކޮށްގެން ނަމަވެސް، އެ ޒަޚަމްތަކަށް އަސްލު ފަރުވާ ދެއްވުމަށެވެ. މިއަދު މި ވެރިކަމަށް 3 އަހަރު ފުރިގެންދާއިރު، އެ ދަތުރުގެ ފޮނިމީރުކަން ޤައުމުގެ ކޮންމެ ދިމާއަކުން ދަނީ ފެންނަމުންނެވެ.
މިނިވަންކަމާއި، އިސްތިޤްލާލު
ރައީސް ޑރ. މުޢިއްޒު ދެއްވި އިބްތިތާހީ ތަޤުރީރުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކޮށް، އެހެން ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ރާއްޖެ ހެއްދެވުމަށެވެ. ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފެއްޓެވިއެވެ. ސިޔާސީ ވާދަވެރިން އެއީ ނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރަމުން ދަނިކޮށް، ސިޔާސީ އަދި ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން އެކަން ޙަޤީޤަތަކަށް ހެއްދެވިއެވެ. މީގެއިތުރުން، ކުރީގެ ސަރުކާރުގައި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމުގެ ޤާނޫނީ މަސައްކަތްތައްވެސް އެމަނިކުފާނު ވަނީ ފައްޓަވާފައެވެ.
އަސްކަރީ ގޮތުން ބާރުވެރި ޤައުމަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން، ދިވެހި އަސްކަރިއްޔާއަށް ވަނީ ތާރީޚުގައި ނުދެކޭ ފަދަ ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވާފައެވެ. މިއަދު ރާއްޖޭގެ ބިޔަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ކަނޑުމަގުންނާއި ވައިގެ މަގުން 24 ގަޑިއިރު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިފައިވެއެވެ. މިކަމާ ގުޅޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެފައިވަނީ: "މިއީ ސިފައިން ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު ކަމުގައި މިދަންނަވަނީ ޝުކުރުވެރިކަމާއެކު. މިއީ އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ސިފައިންގެ މީހެއްގެވެސް އިހުސާސް،" އެވެ.
"މޯލްޑިވްސް ފަސްޓް" ސިޔާސަތު
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ބައްޓަންކުރައްވާފައިވަނީ ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ގޮތަށެވެ. ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުން ޚާރިޖީ ގުޅުންތަކަށް ބުރޫއަރާނެ ކަމަށް ބަޔަކު ދުށް ނަމަވެސް، ރައީސް މުޢިއްޒުގެ ޚާރިޖީ ފަލްސަފާއަކީ އެއްވެސް ޤައުމަކާ ޢަދާވާތްތެރިނުވެ، އެންމެންނާ އެކުވެރި، އެހެންނަމަވެސް ދިވެހި ޤައުމުގެ ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް ގުޅުންތައް ދެމެހެއްޓުމެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ: "އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ."
ދީނީ ވަޙްދަތާއި ޤައުމިއްޔަތު އާލާކުރުން
ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ބާރުގަދަ އަސްކަރިއްޔާއަކާ އެއްވަރަށް ދީނީ ރިވެތި އަޚްލާޤާއި ޤައުމިއްޔަތު ދިރުވަން ޖެހެއެވެ. ވޭތުވެދިޔަ 156 ހަފްތާއަކީ ދިވެހި ތާރީޚުގައިވެސް ދީނީ ރޮނގުން އެންމެ ގިނަ މަސައްކަތްތައް ކުރެވުނު ދުވަސްވަރެވެ. އެގޮތުން، ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވައި، އަޅުކަމަށް ލުއިފަސޭހަ ފުރުޞަތު ފަހިކޮށްދެއްވިއެވެ. މީގެ އިތުރުން ރޯދަމަހާ ގުޅުވައިގެން ރައްޔިތުންނަށް ހަދިޔާ ދިނުމާއި، ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކުރެއްވިއެވެ.
މާލީ ދަތިކަން ހުރި ފަރާތްތަކުގެ ތެރެއިން ކޮންމެ އަހަރަކު 50 މީހުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވަން ފެށްޓެވުމާއި، ޙައްޖުވެރިންނަށް މައްކާގައާއި ދަތުރުފަތުރުގައި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސަވައިދެއްވިއެވެ. އަދި ޤުރުއާން މުބާރާތްތަކުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ތަޢާރަފްކުރެއްވުމާއި، މިސްކިތްތަކަށް ޒުވާން އިމާމުންނާއި ޚަޠީބުން ބިނާކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރެވިގެން ދިޔައީ ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގަލާ އެކުގައެވެ.
ސިޔާސީ ހަމަޖެހުން
ޤައުމުގައި ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މިނިވަން ޖުޑީޝަރީއެއް ޤާއިމުވެފައި އޮތުމަކީ އެންމެ އަސާސީ ޝަރުޠުކަމުގައި ރައީސް ޑރ. މުޢިއްޒު ދެކެވަޑައިގަންނަވައެވެ. ޝަރުޢީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ފޯރުވުން މުޅިން ހުއްޓުވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުން ވެގެންދިޔައީ އަދުލު އިންސާފުގެ ދާއިރާއަށް ލިބުނު އައު ދިރުމަކަށެވެ.
މިގޮތުން، ވީރާނާވެ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައި ހުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުމާލޭގެ ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރެވުނެވެ. އަދި ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް އިމާރާތްކުރުމުގެ ބިޔަ މަޝްރޫޢު އިޢުލާންކުރެވި، ޝަރުޢީ ދާއިރާގެ ބަޖެޓު ތަންފީޒުކުރުމުގެ ފުރިހަމަ މިނިވަންކަން ދީ، ބަޖެޓު ބޮޑުކުރެވުނެވެ.
މީގެއިތުރުން، ޖޭއެސްސީގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަކިކޮށް، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލަވާލެވުނެވެ. ޝަރުޢީ ނިޒާމު މެދުވެރިކޮށް ސިޔާސީ ވާދަވެރިން ހައްޔަރުކުރުމުގެ ޒަމާންވީ ސަޤާފަތް ނިމުމަކަށް ގެނެސް، އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ހުރަހެއްނެތި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެއްވާފައެވެ.
ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް
ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ފޭރާމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެވެ. މި މައްސަލައިގެ ސަބަބުން ދިވެހިން ކުރާ މަސައްކަތްތަކުގެ ތެރެއަށް ބިދޭސީން ވަދެ، އެތައް މިލިއަން ޑޮލަރެއް ޤަވާޢިދާ ޚިލާފަށް ރާއްޖެއިން ބޭރުވަމުންދިޔައެވެ. ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މަޢުލޫމާތު އެނގެނީ އެންމެ 13 އިންސައްތަ މީހުންނެވެ.
ނަމަވެސް، މިދިޔަ މުއްދަތުގެ ތެރޭގައި އެޅުނު ހަރުދަނާ ފިޔަވަޅުތަކާއެކު، ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއެކު ބަޔޯމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ވަނީ 98 އިންސައްތައަށް ފުރިހަމަކުރެވިފައެވެ. މިއީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ ހާސިލުނުކުރެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާޢިދުގެ ތެރެއަށް ވަނުމަށް ފުރުޞަތު ދިނުމާއި، އެ އުސޫލުތަކާ ޚިލާފުވާ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއިން ޑިޕޯޓްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދެއެވެ.
ބޯހިޔާވަހިކަން އެންމެންނަށް: ދާއިމީ ހަމަޖެހުމެއް
ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ. މި ސިޔާސަތުގެ ދަށުން ކެބިނެޓުން ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ފާސްކޮށް، ޢާއިލީ ބޯހިޔާވަހިކަމުގެ އައު ޕްރޮގްރާމް އިފްތިތާޙުކޮށްފައެވެ. މިގޮތުން ރަސްމާލެއިން 15,000 ގޯތި އަދި ހުޅުމާލެއާއި ވިލިމާލެއިން 3 ކޮޓަރީގެ 7,900 ފްލެޓް ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށްދާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަމާޒަކީ ދައުރު ނިމޭއިރު 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމެވެ. މީގެއިތުރުން، އަމިއްލަ ބިމުގައި ގެދޮރު އެޅުމަށް މާލީ ދަތިކަން ހުރި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން "ހިޔާވެހި ފައިނޭންސިންގ ސްކީމް" ތަޢާރަފްކޮށް، ލުއި ލޯނުތައް ދޫކުރަން ވަނީ ފަށާފައެވެ.
ސިންދަފާތު އިޤްތިޞާދާއި މާލީ އިޞްލާޙުތައް
ރައީސް ޑރ. މުޢިއްޒު ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 119 ބިލިއަން ރުފިޔާއަށް އަރައި، މާލީ ނިޒާމު ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައި އޮތް ހާލަތު ބަދަލުކުރުމަށް ރައީސް މުޢިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ. މިއަދާ ހަމައަށްވެސް އެ ސިޔާސަތު ދަމަހައްޓަވައި، އިޤްތިޞާދަށް ހަމަޖެހުން ވަނީ ގެނެސްދެއްވާފައެވެ.
ރާއްޖެއަށް ލިބޭ ޑޮލަރުގެ އާމްދަނީ ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރާ ގަވާއިދުތައް ތަންފީޒުކުރަން ފެއްޓެވިއެވެ. މީގެއިތުރުން، ޓެކްސް ނިޒާމު ހަރުދަނާކޮށް، ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅައި، ބޭރުކުރަން އުޅުނު އެތައް މިލިއަން ޑޮލަރެއް ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީ، އުފެއްދުންތެރިކަން އިތުރުކުރުމަށް "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" އަލުން ބާއްވަން ފެށްޓެވުމަކީ އިޤްތިޞާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކާމިޔާބު 3 އަހަރުގެ މުސްތަޤްބަލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް 156 ހަފްތާ ފުރިގެންދާއިރު، ދިވެހިރާއްޖެ މިއަދު ފެންނަނީ މޫސުމީ މައްސަލަތަކާއި ދަރަނީގެ ވަޅުގަނޑުގައި ތާށިވެފައި އޮތް ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައެއް ނޫނެވެ. މިއަދު ރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި އަމިއްލަ ސިޔާދަތާއި އިސްތިޤްލާލު ދަމަހައްޓަމުން، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ވިލުންތެރި ޤައުމެކެވެ. ދިވެހިންގެ ޒަމާންވީ ބޮޑެތި މައްސަލަތަކަށް ވަށާޖެހޭ ދާއިމީ ޙައްލުތަކެއް ހޯއްދަވައިދެއްވައި، ފަހި މާދަމާއަކަށް އެޅުނު މި ބިންގަލަކީ މުޅި ދިވެހި އުންމަތް އެކަތިގަނޑަކަށްވެ، ކުރިއަށް ދިއުމަށް ލިބުނު ވަރުގަދަ ހިތްވަރެކެވެ.
އަލީ ރަޝީދު
ހަލީލް
އަލި އަހުމަދު
އަނަސް