ކީރިތި ގުރްއާނާއި ބެހޭ ވަޤްގްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫޢު އިފްތިތާހުކޮށް އިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ ސަރުކާރަށް 156 ހަފްތާ ފުރުން ފާހަގަ ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.
ކީރިތި ގުރުއާނަށް ހާއްސަ ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ގުރުއާނުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށެވެ. މިއީ ވަގުފުގެ ދާއިރާ ފުޅާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.
15 ބުރީގެ މި އިމާރާތުގައި އޮފީސް ބަޔާއި، ކޮމާޝިއަލް އޭރިއާތަކާއި، ހޯލްއާއި، މީޓިންގ ރޫމްތަކާއި، ލައިބްރަރީގެ އިތުރުން ރެސްޓޯރެންޓު ފަދަ ތަންތަން ހިމެނޭނެއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ މުޅި އިމާރާތުން ނަފާ ލިބޭނެ ގޮތަށެވެ.
މި މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާއިރު މަޝްރޫއުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާއިން އަންނަނީ މިހާރު ކުރަމުންނެވެ.
މި މަޝްރޫއުގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު ދެ ވަގްފު އިމާރާތެއްގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެއީ ދާރުލްއަރްގަމްއާއި ދާރުއްސަލާމް ވަގުފު މަޝްރޫއެވެ. މި މަޝްރޫއުތައް ނިމުމުން ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދާ ވަރަށް ވުޒާރާއަށް ނަފާ ލިބޭނެކަމަށް އަންދާޒާ ކުރެވެއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއްކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.