ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީތަކާ އެކުވެސް އީރާނާ ދެކޮޅަށް ހިންގި ޢަސްކަރީ ޙަރަކާތްތަކުގެ ދިފާޢުގައި ޓްރަމްޕް ވާހަކަދައްކަވައިފިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުވި ބޮޑު ގޮންޖެހުމެއްގެ ގޮތުން، ރެޕްރެޒެންޓެޓިވްސްގެ އިތުރުން ސެނެޓްގެ މެޖޯރިޓީ ހޯދުމަށްފަހު، އެމެރިކާގެ ކޮންގްރެސްގެ ބާރުތައް ޑިމޮކްރެޓުން ވަނީ ރިޕަބްލިކަން ޕާޓީގެ އަތުން އަނބުރާ ހޯދާފައެވެ.
އިންތިޚާބުގައި އެ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ މި ހަނގުރާމައިގެ ސަބަބުން ކަމަށް ވެދާނެކަމަށް ޓްރަމްޕް ޤަބޫލުކުރެއްވި ނަމަވެސް، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައަކީ އެކަށީގެންވާ ނަތީޖާއެއް ނެރުނު "ބޭނުންތެރި" ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މީގެ ކުރިން ނައިބު ރައީސް ޖޭޑީ ވެންސް ފާހަގަކުރައްވާފައިވަނީ ޕާޓީ ބަލިވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އެ ހަނގުރާމަ ކަމުގައެވެ.
ރިޕަބްލިކަން ޕާޓީގެ ނުފޫޒު ގަދަ ޓެކްސަސް އަދި ކެންސަސް ފަދަ ސްޓޭޓްތަކުން ޑިމޮކްރެޓުން ކާމިޔާބު ހޯދިއިރު، ޕްރޮގްރެސިވް ވިސްނުމުގެ ޑިމޮކްރެޓް ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދު ވަނީ މިޝިގަން ސްޓޭޓްގެ ގޮނޑި ކާމިޔާބުކުރައްވައި، އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ.
ވަރަށް ގިނަ ދާއިރާތަކުގެ ނަތީޖާތައް މިހާރު އިޢުލާންކޮށް ނިމިފައިވާއިރު، އަދިވެސް އިތުރު ގޮނޑިތަކުގެ ވޯޓު ގުނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ޑިމޮކްރެޓުން މިހާރު ވަނީ ސެނެޓްގެ 54 ގޮނޑިއެއްގެ ބާރު ހޯދާފައެވެ. އަދި އިތުރު އެއް ގޮނޑިއެއްގައި އެ ޕާޓީން ދަނީ ކުރިހޯދަމުންނެވެ. ހައުސް އިން އެ ޕާޓީން ވަނީ 228 ގޮނޑި ކަށަވަރުކޮށްފައިވާއިރު، އިތުރު 35 ގޮނޑިއަކުން ވެސް ދަނީ ކުރި ހޯދަމުންނެވެ. މި އިންތިޚާބުގައި ހައުސްގެ ހުރިހާ 435 ގޮނޑިއަކަށް ވާދަކުރިއިރު، ސެނެޓްގެ ޖުމްލަ 100 ގޮނޑީގެ ތެރެއިން މިފަހަރު ވޯޓުލާފައިވަނީ 35 ގޮނޑިއަށެވެ. މީގެ އިތުރުން 36 ސްޓޭޓެއްގައި ވޯޓުލީ ފަރާތްތަކުން ވަނީ އެ ސްޓޭޓްތަކުގެ ގަވަރުނަރުން ވެސް ހޮވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.