މާލޭގެ ސަރަހައްދެއްގައި އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ އަލުން ފެންމަތިވީ އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައަށް ދޮޅު އަހަރު ވީއިރުވެސް ހައްލެއް ނުލިބޭ ކަމަށް ބުނެ ޒިންމާދާރު މަގާމެއް ފުރުއްވަމުންގެންދަވާ މުޙައްމަދު ސައީދު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމުންނެވެ. އޭނާ މިއަދު ހެނދުނު 8:00 ގައި ހަޅުތާލު ފެށީ އާއިލާއާއި އަވަށްޓެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައެވެ.

ސައީދު މީސްމީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އެ މީހާގެ ފަރާތުން ކަށިމާ ހިނގުމާއި ދޫހިމެރި މަގު ބޭނުންކުރާ އާންމުންނަށް ނުރައްކާތެރި އަދި އުނދަގޫ ކަންތައްތަކެއް ކުރިމަތިވަމުން ދިޔައެވެ. މީގެ ތެރޭގައި މަގުމަތިން ހިނގާފައިދާ މީހުންނަށް ހަޑިހުތުރުބަހުން ހަޅޭއްލެވުމާއި މަގުމައްޗަށް ބައިސްކަލާއި ބޯޑުތައް ދަމައިގެން މަގު ބަންދުކުރުން ހިމެނެއެވެ.
އޭގެ އިތުރުން އެ މީހާ ދިރިއުޅޭ އެޕާޓްމެންޓުގެ ބެލްކަނިން ތިރީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން ޖެހުމާއި ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ޖެހުން ފަދަ އަމަލުތައް ހިންގާފައިވެއެވެ. އަދި ރޭގަނޑު މެދުނުކެނޑި އަޑުގަދަކޮށް ހަޅޭއްލެވުމުގެ އިތުރުން ކައިރީގައި ހުންނަ ގޭގެޔަށް ހުއްދަނެތި ވަދެ ކުނި އުކުމުގެ މައްސަލަތައް ވެސް ވަނީ ފާހަގަކުރެވިފައެވެ.
އެ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކޮށް ކަމާބެހޭ ހެކި ހުށަހެޅި ނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް ސައީދު ވިދާޅުވިއެވެ. މުއައްސަސާތަކުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވާޖިބު އަދާކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ މީގެކުރިން ވެސް އެ މީހާއާ މެދު ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އަދި މިފަހަރު ފާހަގަވި މައްސަލަތަކާ ގުޅިގެން ވެސް ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އެ މީހާގެ އަމަލުތަކާ ގުޅިގެން ސައީދެކޭ އެއްފަދައިން ފުލުހުންގެ ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.











ކިޔުންތެރިންގެ ހިޔާލު