ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާ ވަޒީރުން ހިއްސާކުރެއްވުމާއެކު، އެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުން ކުރަން ބޭނުންވާ ސުވާލުތައް ވަޒީރުންނާ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމުގެ ބައްދަލުވުމެއް މިރޭ އޮންނާނެއެވެ.
"އަހާ" ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއި ހިންގަމުންދާ މަޝްރޫއުތަކުގެ އަަދާހަމަ މައުލޫމާތު ހާމަކުރުމާއެކު، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕީއެސްއެމް ގުޅިގެން ބާއްވާ ސިލްސިލާ ފޯރަމްތަކެކެވެ.
މިރޭ ބާއްވާ ފޯރަމުގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމް ފެށޭނީ މިރޭ 21:00 ގައެވެ.
މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް އެވެ.
ދެ ގަޑިއެއްހާއިރަށް ލައިވް ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދެވޭ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވޭއިރު، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި ސަރުކާރުން "އަހާ" ފޯރަމް ފެށީ 2024 ވަނަަ އަހަރުގެ ޖަނަވަރީ މަހުއެވެ. އަދި އޭގެ ފަހުން އެ ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. އޭގެ ފަހުން މި ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދަވާފައެވެ.
"އަހާ" ފޯރަމަކީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ސީދާ ބައްދަލުކޮށް، ސުވާލު ދެންނެވުމަށާއި، ހިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަވައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.