އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށާއި މެންބަރު ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ވަޒީރު މިކަމަށް ގޮވާލެއްވީ އިރާޤުގެ ވެރިރަށް ބަޣުދާދުގައި ފެށުނު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއިން އޯއައިސީގެ މެންބަރަކަށް ވީތާ 50 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ވޭތުވެދިޔަ ބައިޤަރުނު ދުވަހު ރާއްޖެއިން އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި އިސްލާމީ އުންމަތުގެ މަސްލަޙަތުތައް ޙިމާޔަތްކުރުމަށާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ޓަކައި އޯއައިސީއާއި މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާއާއި އެއްބައިވަންތަކަން ނުހަނު ބޭނުންތެރިކަން ފާހަގަކުރައްވައި، ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުން މުޖުތަމައުގެ އިސް ސަފަށް ނެރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.
ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އިރުތިޝާމް ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން މުސްތަޤިއްލު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މުހިންމު މަސައްކަތުގައި މެންބަރު ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.
މި ޖަލްސާގެ ހަވާސާގައި އޯއައިސީގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ. އިސްލާމީ އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ޢަމަލީ ޙައްލުތަކެއް ހޯދުމަށް އަހަރަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.