މި ހިނގާ އަހަރު ނިމުމުގެ ކުރިން 442 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމައި އާންމުކުރެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައެވެ.

އޮޑިޓް ޤާނޫނުގެ ދަށުން އުފައްދާފައިވާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ މާލީ ކަންކަމާއި ވަސީލަތްތައް ބޭނުންކުރާ ގޮތް މިނިވަންކަމާއެކު ބަލައި އޮޑިޓްކުރުމެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކުގެ ކޮމްޕްލަޔަންސް އޮޑިޓާއި، ދައުލަތުގެ ފައިސާ އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭތޯ ބެލުމަށް ޕާފޯމަންސް އޮޑިޓްތައް ހަދައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ހުށަހެޅުމެވެ.

އިޝްތިހާރު އިޝްތިހާރު

މާލިއްޔަތު ކޮމިޓީގައި އެ އޮފީހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 183 އޮޑިޓެއްގެ މަސައްކަތް ނިންމައި ވަނީ ޝާއިޢުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ 35 އޮޑިޓް

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 34 އޮޑިޓް

  • ކައުންސިލްތަކާ ގުޅޭ 62 އޮޑިޓް

  • ޚާއްޞަ 8 އޮޑިޓް

  • ޕަބްލިކް ފަންޑުތަކާއި ސްކީމްތަކާ ގުޅޭ 3 އޮޑިޓް

  • އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭ 5 އޮޑިޓް

  • މާލީ އިދާރާތަކުގެ 3 އޮޑިޓް

  • ޕަރފޯމަންސް 1 އޮޑިޓް

  • ބަޖެޓާއި ފިސްކަލް އަދި ދަރަންޏާ ގުޅޭ 1 އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާކުރާ ގޮތުގައި، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 259 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ. މިއާއެކު، މިއަހަރު ނިމޭއިރު ޖުމްލަ 442 އޮޑިޓް ރިޕޯޓު ނިންމައި އާންމުކުރެވޭނެއެވެ.

މީގެއިތުރުން، މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން 120 އޮޑިޓެއްގެ މަސައްކަތް ނިންމުމަށް ތާވަލުކުރެވިފައިވަނީ އަންނަ އަހަރަށެވެ. އެ އޮޑިޓްތަކާއެކު، އަންނަ އަހަރު ޖުމްލަ 394 އޮޑިޓެއްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށްވެސް އެ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.