ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ބަދަލުކުރުމަށް އެދި ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ބާ ކައުންސިލުން ދާދި ފަހުން އާންމުކުރި އުސޫލުގައިވާ ގޮތުން، ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ދެން ކުރިއަށް ގެންދަން ޖެހޭނީ ދަރިވަރުން ފިޒިކަލްކޮށް ހާޒިރުވެގެންނެވެ. މީގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މި އައު ބަދަލުތަކަށް އަންނަ އޮގަސްޓު މަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އެ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.
މި ބަދަލާ ގުޅިގެން ވިލާ ކޮލެޖުގައި ޝަރީއާ އެންޑް ލޯ ކިޔަވާ ދަރިވަރުން އިސްނަގައިގެން ތައްޔާރުކުރި ޕެޓިޝަނުގައި މިހާރު ވެސް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ސޮއިކޮށްފައެވެ. ދަރިވަރުން ފާހަގަކުރާ ގޮތުގައި، ވަޒީފާ އަދާކުރާ ފަރާތްތަކަށާއި މާލެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް ފިޒިކަލްކޮށް ހާޒިރުވެ އިމްތިހާނު ހެދުމަކީ ވަރަށް ދަތިކަމެކެވެ. އެހެންކަމުން، މި އުސޫލަކީ ގިނަ ދަރިވަރުންނަށް އިންސާފުވެރި ގޮތެއް ނޫންކަމަށް އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

އޮންލައިންކޮށް އިމްތިހާނު ހަދާއިރު ވެސް ލޮކްޑައުން ވެބް ބްރައުސަރުތަކާއި ވެބްކެމް ބޭނުންކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާކަން ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. އަދި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތް ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އޮންލައިންކޮށް އިމްތިހާނުތައް ކުރިއަށްގެންދާކަން ފާހަގަކޮށް، ބާ ކައުންސިލުގެ ނިންމުން މުރާޖައާކޮށްދިނުމަށް ދަރިވަރުން ވަނީ ގޮވާލާފައެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބާ ކައުންސިލުން ބުނެފައިވަނީ، މިއީ ރާއްޖޭގައި ގާނޫނީ ދާއިރާގެ ކޯސްތައް ހިންގުމާއި ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭނުންވާ މަތީ ތައުލީމުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށްޓަކައި ގެނައި މުހިންމު ބަދަލުތަކެއް ކަމަށެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ގާނޫނީ ވަކީލުންގެ ފަންނީ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.









ކިޔުންތެރިންގެ ހިޔާލު