މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި މައުޟޫއަކީ “މުސްލިމުންގެ އަބުރާއި ޢިއްޒަތް” އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާ ކޮންމެ ކަމެއް އެކަލާނގެ ވަނީ ނަހީކުރައްވައިފައި ކަމަށެވެ. އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅައި ކަމަށާއި އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދަކީ މިއީ ކަމަށް ވިދާޅުވިއެވެ.

“މާތްވެގެންވާ އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އިސްކަމެއް ދެއްވައިފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީ. އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނޭކަމަކަށްވާތީ” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއްދިނުމަކީ، ބޮޑުވެގެންވާ އަނިޔާއެއްކަމާ މެދު އެކަކު ވެސް ޝައްކެއްނުކުރާނެއެވެ. ނަމަވެސް، ވިސްނައިލާންޖެހޭ ޙަޤީޤަތަކީ، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމެއް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ އަބުރު ގެއްލުވައިލުމުން، ދުނިޔޭގައި އޭނާ އުޅޭން ޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައި ކަމަށެވެ. އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެ މީހަކު އެކަހެރިކޮށްލެވޭ ކަމަށާއި ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާންނެތަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނެއް ކަމަށެވެ.
“އިސްލާމް ދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށް ޓަކައި އެތައް ކަމެއް ޝަރުޢުކުރައްވައިފައިވޭ. އެ ގޮތުން މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ، އެ ކަމުގެ މައްޗަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނައި ނަމަ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއް. އެ ތުހުމަތުކޮށް ވާހަކަ ފެތުރި ކޮންމެ މީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖެހުމަށް ފަހު، އެއީ ފާސިޤުންކަމުގައި ބަލައި ދުވަހަކު ވެސް އެ މީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް ވަނީ އަންގަވާފައި” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
މީހަކާމެދު ގޯސްކޮށް ހީކުރުމަކީ އިސްލާމްދީނުގައި މުޅީން ނަހީކުރައްވައިފައިވާ ކަމެކެވެ. އަދި އެ ފަދަ ހީކުރުންތަކުގެ މައްޗަށް މީސްމީހުންގެ ޒާތީ ކަންކަން ބަލައި ޖާސޫސްކޮށް އުޅުމަކީ ވެސް ޙަރާމްކަމެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.
“އާންމު ގޮތެއްގައި މީސްތަކުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެވެނީ ދުލުން. مُعَاذ رَضِيَ اللّهُ عَنْهއަށް ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅުގައިވަނީ “މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟” ހަމަ އެހެންމެ ތިމާގެ ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހާއަށް ސުވަރުގެލިބޭނޭކަމަށް މާތް ނަބިއްޔާ ޖާމިނުވެވަޑައިގެންފައި ވޭ.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށްއަރައިގަނެ މުޅި ދުނިޔެއަށް މީހުން ފަޟީޙަތްކުރަނީ، ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. ޒާތީވުމުންނާއި ހިތުގައިވާ ޙަސަދައިގެ ބޮޑުކަމުން، ތެދުދޮގު ބެލުމެއް ނެތި، މީސްމީޑިޔާގައި މީހުންގެ އަބުރު ކަތިލަނީ، ތިމަތިމާމެންގެ ޅަދަރީންގެ ކުރިމަތީގައެވެ.











ކިޔުންތެރިންގެ ހިޔާލު