އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީން ކަމަށާއި ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "އިސްލާމްދީނުގެ މަތިވެރި ނިޢުމަތް" އެވެ.
"ހިތާމައަކީ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވައިފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވާ ކަން. އަދި ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވާ ކަން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމްދީނަކީ މާތް ﷲ އަހަރެމެންނަށް ޓަކައި އިޚުތިޔާރުކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީން ކަމަށެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާއެވެ. މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވެއެވެ. އިސްލާމްދީނަކީ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގު ކަމަށް ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް، ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށާއި ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް އޭނާ ހުންނާނީ އޭނާގެ ދީނާއި ޢަޤީދާގައި ސާބިތުވެ ކަމަށެވެ.
"މާތް الله އަހަރެމެންނަށް މަތިވެރިކަމާއި ޝަރަފު ދެއްވައި، ޢިއްޒަތްތެރިކުރެއްވީ މި މަތިވެރި ދީނުގެ ސަބަބުން. މި ދީނަކީ އަހަރެމެންގެ ޢިއްޒަތުގެ ސިއްރެވެ. އަދި އެހެން ހުރިހައި އުންމަތްތަކުގެ މައްޗަށް އަހަރެމެންނަށް ލިބިފައިވާ މަތިވެރިކަމާއި ސިޔާދަތުގެ އަސްލަކީ އިސްލާމްދީން. އިސްލާމީ ތާރީޚަކީ މި ކަމުގެ އަލިގަދަ ހެތްކެއް." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ މުސްލިމުން ދީނާ ދުރަށްދާ ކޮންމެ ހިނދެއްގައި، އެބައިމީހުންގެ ދުޝްމަނުން އެބައިމީހުންގެ މައްޗަށް ގަދަވެގަނެ ބާރުފޯރުވާ ކަމަށެވެ. ދުޝްމަނުންގެ މައްޗަށް ގަދަވެގަނެ އާރާއި ބާރު ލިބޭނީ މާތް ﷲގެ ފޮތަށާއި ރަސޫލާގެ ސުންނަތަށް މުސްލިމުން އަލުން އެނބުރި ރުޖޫޢަވެގެން ކަމަށް
ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.