ދުނިޔެއަށް އަންނަމުންދާ ޓެކްނޮލޮޖީގެ އިންގިލާބާއެކު ދިވެހިރާއްޖެ މިއަދު މިވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން ޒަމާނީ އިންޓަނެޓާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު، ސަރުކާރުގެ ޚިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ޒާތީ ދިރިއުޅުމުގެ ކަންކަންވެސް ވަނީ މި ވެއްޓަށް ބަދަލުވެފައެވެ.

ކުށްތައް ދެގުނައަށް

ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ފެންނަނީ ނުހަނު ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ރިޕޯޓްކުރެވުނު ސައިބަ ކުށުގެ މައްސަލަތަކުގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ ތެރެއިން 68 އިންސައްތަ މައްސަލައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތަކެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސައްހަނޫން މެސެޖާއި، އަޑާއި، ވީޑިއޯ (ޑީޕްފޭކް) އުފައްދައި، މަކަރާއި ހީލަތުން މީހުން މަޅީގައި ޖެއްސުމުގެ ނުރައްކާތެރި އުކުޅުތައް ކުށްވެރިން ދަނީ ބޭނުންކުރަމުންނެވެ. މިއީ ވަކިވަކި ފަރުދުންގެ މާލީ ރައްކާތެރިކަމުގެ އިތުރުން މުޅި ގައުމީ ސަލާމަތާއި އިގްތިސާދަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.

Scam

ފަރުވާކުޑަކޮށްލެވޭ ކުޑަކުޑަ އިހުމާލު

ފުލުހުންނަށް ހުށަހެޅޭ ގިނަ މައްސަލަތަކުގެ އަސްލަކީ ހޭލުންތެރިކަން ކުޑަވުމާއި އިހުމާލެކެވެ. ކާކުކަން ކަށަވަރުނުވާ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ފިތުމާއި، ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ ސިއްރު ކޯޑުތައް އެހެން މީހުންނާ ހިއްސާކުރުމަކީ މިފަދަ މަޅިތަކުގައި ޖެހެން މެދުވެރިވާ މައިގަނޑު ސަބަބެވެ. އޮންލައިންކޮށް މުއާމަލާތްކުރާއިރު އަނެއް ފަރާތަކީ ކާކުކަން ޔަގީންނުކޮށް އިތުބާރުކުރުމަކީ، ތިމާގެ މުޅި ދިރިއުޅުން އަނދަވަޅަކަށް ވައްޓާލެވިދާނެ ކަމެކެވެ.

scam

ފަރުދީ ޒިންމާ

ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ފަރުދަކުވެސް އެކަންކަމަށް ސަމާލުވާންޖެހެއެވެ:

  • ވަރުގަދަ ޕާސްވޯޑާއި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން: އެކައުންޓްތައް ރައްކާތެރިކުރުމަށް ވަރުގަދަ ޕާސްވޯޑް އަދި ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) އަބަދުވެސް ބޭނުންކުރުން.

  • އޯޓީޕީ ސިއްރުކުރުން: އެއްވެސް ފަރާތަކާ އޯޓީޕީ އަދި ޒާތީ ސިއްރު މައުލޫމާތު ހިއްސާނުކުރުން.

  • ޚަބަރުތަކުގެ ސައްހަކަން ބެލުން: ސައްހަކަން ކަށަވަރުނުވާ ވާހަކަތަކާއި ލިންކުތައް އިންޓަނެޓުގައި ނުފެތުރުން.

  • ލަސްނުކޮށް ރިޕޯޓްކުރުން: ކުށެއްގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ، ވަގުތުން ފުލުހުންނަށް އެންގުން.

މުއައްސަސާތަކާއި ވިޔަފާރިތަކުގެ ދައުރު

ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް ޑިޖިޓަލް ޑޭޓާގެ ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދޭންޖެހެއެވެ. ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް އާންމުންގެ ޒާތީ މައުލޫމާތު އެއްނުކުރުމާއި، އެ މައުލޫމާތުތައް އަމާނާތެއްގެ ގޮތުގައި ރައްކާތެރިކުރުމަކީ ގާނޫނީ އަދި އަޚްލާގީ ޒިންމާއެކެވެ.

މީގެއިތުރުން، އައިޓީ ނިޒާމުތައް އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މުވައްޒަފުން މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުމަކީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ފޮޓޯ: މިހާރު

އާއިލީ އަދި އިޖުތިމާއީ ޒިންމާ

ސައިބަރ ސެކިއުރިޓީގެ ވާހަކައަކީ ކޮންމެ ގޭބިސީއެއްގެ ތެރޭގައިވެސް ދެކެވެންޖެހޭ މުހިންމު ވާހަކައެކެވެ. ޅަދަރިން އިންޓަނެޓް ބޭނުންކުރާ ގޮތާއި އެކުދިން މުއާމަލާތްކުރަނީ ކޮން ބަޔަކާތޯ ބެލެނިވެރިން އަބަދުވެސް ފާރަވެރިވާންޖެހެއެވެ.

ހަމައެއާއެކު، އާއިލާގައި ތިބި އުމުރުން ދުވަސްވީ މީހުންނަކީ ޓެކްނޮލޮޖީގެ މަކަރުތަކަށް ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ފަސޭހައިން މަޅީގައި ޖެހިދާނެ ބަޔަކަށްވާތީ، އެފަރާތްތަކަށް ވިސްނައިދީ އެހީތެރިވެދިނުމަކީ ކޮންމެ މީހެއްގެވެސް ކޮނޑުގައި އެޅިފައިވާ އިޖުތިމާއީ ވާޖިބެކެވެ.

އެންމެން ގުޅިގެން އަމާން ޑިޖިޓަލް ވެއްޓަކަށް

ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ޒަމާނީ ވަސީލަތްތައް ހޯދައި، ފަންނީ ގާބިލުކަން އިތުރުކުރަމުންނެވެ. ޑިޖިޓަލް ޒަމާނުގައި ރާއްޖެއަކީ ރައްކާތެރި އަދި އަމާން ތަނަކަށް ހެދޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ. ސަމާލުވެ، ފާރަވެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިއަދު އަޅުގަނޑުމެން ކޮންމެހެން އަދާކުރަންޖެހިފައިވާ ގައުމީ ޒިންމާއެކެވެ.