ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތަކުގައި ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިންގ ލެންގުއޭޖުގެ ސެކިއުރިޓީގެ މައްސަލަތަކެއް ފެނިފައިވާކަން 21 އޮކްޓޫބަރު 2026 ގައި ވަނީ ހާމަކޮށްފައެވެ.
ސެކިއުރިޓީ ނުރައްކާތަކުގެ ސީރިއަސްކަން ދެނެގަތުމަށް ބަލާ މިންގަނޑު ކަމުގައިވާ ކޮމަން ވަލްނަރަބިލިޓީ ސްކޯރިންގް ސިސްޓަމް (CVSS v4.0) ގެ 9.2 ގެ ކްރިޓިކަލް ރޭޓިންގއެއް މި ވަލްނެރަބިލިޓީއަށް ދީފައިވެއެވެ. "ޕީ.އެޗް.ޕީ 2 ޝެލް (PHP2Shell)" ގެ ނަމުން ނަންދެވިފައިވާ މި ވަލްނެރަބިލިޓީގެ ސަބަބުން، ހުއްދަނެތި ސާވަރތަކުގައި ކޯޑު ރަންކޮށް އެއްވެސް ޔޫސަނޭމް އަދި ޕާސްވޯޑަކާ ނުލައި ވެބްސައިޓްތަކުގެ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ހަމަލާދޭ ފަރާތްތަކަށް ލިބިގެންދެއެވެ.
މި ވަލްނެރަބިލިޓީގެ ބޭނުންހިފައިގެން ސައިބަރ ހަމަލާތަކެއްދިނުމަށް ހެކަރުން މަސައްކަތްކުރަމުންދާތީ، ވޯޑްޕްރެސް ފަދަ ޕްލެޓްފޯމްތަކާއި ޕީއެޗްޕީ ބޭނުންކުރާ އެންމެހައި ސިސްޓަމްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަންޖެހެއެވެ. މި ވަލްނެރަބިލިޓީގެ ސަބަބުން ސިއްރު މައުލޫމާތު ހާމަވުމާއި އޮންލައިން ހިދުމަތްތައް މެދުކެނޑުމުގެ ފުރުސަތު އޮތުމާއެކު، ސަރުކާރުގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، ވެބްސައިޓްތައް ހިންގާ ފަރާތްތަކުން ލަސްނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ފަރާތުން އިލްތިމާސްކުރަމެވެ.
ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި
01
ވަގުތުން ސޮފްޓްވެއާ އަޕްޑޭޓްކުރުން: ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ކަމުގައިވާ ވާޝަން 8.5.12, 8.4.27, 8.3.36, 8.2.35 ނުވަތަ އޭގެ ފަހުގެ ރަސްމީ ވާޝަނަކަށް ލަސްނުކޮށް އަޕްގްރޭޑްކުރުން.
02
ރައްކާތެރިކަން ކަށަވަރުކުރުން: އައިޓީ އެޑްމިނިސްޓްރޭޓަރުން ނުވަތަ ހޯސްޓިންގ ޕްރޮވައިޑަރުންނާ ގުޅައި، ބޭނުންކުރާ ސާވަރތައް ރައްކާތެރިކުރެވިފައިވާކަން ކަށަވަރުކުރުން.
03
މޮނިޓަރިންގ ވަރުގަދަކުރުން: އިތުރު ސެކިއުރިޓީ ފިޔަވަޅުތައް އަޅައި ސިސްޓަމްތައް މޮނިޓަރކޮށް ގަވާއިދުން ބެލެހެއްޓުން.
04
ރިޕޯޓްކުރުން: ހުއްދަނެތި ސިސްޓަމަށް ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ޑިޖިޓަލް ހެކި ރައްކާތެރިކުރުމާއެކު ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކުރުން.
ސައިބަރ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި، ކަމާބެހޭ އެންމެހައި ފަރާތްތަކުން، އިސްވެ ދެންނެވި އެންމެހާ ފިޔަވަޅުތައް އެޅުމާއެކު، އެއްވެސް ކަހަލަ ސައިބަރ ހަމަލާއަކަށް ޝައްކު ކުރެވިއްޖެނަމަ ނުވަތަ ސިސްޓަމަކަށް ހުއްދަނެތި ވަދެފައިވާކަމަށް ފާހަގަކުރެވިއްޖަނަމަ، ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކޮށް، ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރަމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.