ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކެރިކުޅަދާނަވެއްޖެ މީހާ، އެކަމަށް އަވަސްވެގަތުމަށާއި، ހެޔޮ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.
“ހެޔޮ ގޮތުގައި ވެވޭ ޙައްޖު” މި މައުޟޫއަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޙައްޖު ވާޖިބުވުމަށްފަހު އެކަމަށް ކުޅަދާނަކަން ލިބުމާއެކު ލަސްނުކޮށް ޙައްޖުވުމަކީ ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އެގޮތުން މާދަމާ ދިމާވާނީ ކޮންފަދަ ކަމަކާކަން އެކަކަށްވެސް ނޭނގޭނެތީ، ފަރުޟު ޙައްޖު އަދާކުރުމަށް އަވަސްވެގަތުމަށް ވަނީ ގޮވާލާފައެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، ކުޅަދާނަކަންލިބިގެންވާ މީހާ ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުމަކީ ވާޖިބެކެވެ. އަދި ޙައްޖުވުމަށް ކެރިކުޅަދާނަވުމުގެ މާނައަކީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން އެކަމަށް ކުޅަދާނަވުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ. ހެޔޮ ގޮތުގައި ވެވޭ ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެކަން ބަޔާންކޮށް، ޚުތުބާގައި ބުނީ ޢުމްރާއަކީ ދެ ޢުމްރާ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ.

ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. عُمْرَةވުމަކީ، ދެ عُمْرَة ދެމެދުގައި ކުރެވޭ ކުދިފާފަތަކަށް ކައްފާރާއެކެވެ. އަދި ފާފަތަކުން އެއްކިބާވެ ހެއު ގޮތުގައި ވެވޭ حجّއަށް ހަމަކަށަވަރުން ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ.”
ޙައްޖުގެ އަޅުކަން މާތް اللهގެ ޙަޟުރަތުގައި މަޤުބޫލު އަޅުކަމަކަށް ހެދުމަށްޓަކައި، އެކަމުގައި ހުރި ޝަރުޠުތައް ފުރިހަމަކުރުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ. އޭގެ ތެރޭގައި:
އިޚްލާޞްތެރި ތައުބާއަކުން ތައުބާވުން
ދަރަންޏާއި މުދަލުގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.
ޙައްޖުގެ ޚަރަދުތަކަކީ ޙަލާލު މުދަލުން ކުރާ ޚަރަދުތަކަކަށް ހެދުން.
ދެއްކުންތެރިކަމުން ދުރުހެލިވެ، الله އަށްޓަކައި އިޚްލާޞްތެރިވުން.
ޙައްޖާއި ޢުމްރާގެ ޙުކުމްތައް އުނގެނި ދަސްކުރުން.
މީގެ އިތުރުން، ހެޔޮ ގޮތުގައި ޙައްޖު ވެވުނުކަމުގެ ޢަލާމާތަކީ ޙައްޖަށްފަހު އެމީހެއްގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވެ، الله މަނާކުރެއްވި ކަންކަމުން ދުރުހެލިވެ، ކިޔަމަންތެރިކަން އިތުރުވުން ކަމުގައި ޚުތުބާގައި ފާހަގަކުރިއެވެ.
ޙައްޖުގެ ވަގުތުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ޙައްޖަށް އިޙްރާމް ބަނދެވޭނީ ޝައްވާލް، ޛުލްޤަޢިދާ އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ކަމަށެވެ. އަދި ޙައްޖުގެ އެންމެ މުހިންމު އެއް ރުކުނަކީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ޢަރަފާތް ބިމުގައި ހުރުން ކަމަށާއި، އެ ރުކުން ފުރިހަމަނުކޮށްފި މީހަކަށް އެ އަހަރުގެ ޙައްޖު ނުލިބޭނެ ކަމަށްވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ.





ކިޔުންތެރިންގެ ހިޔާލު