ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ބޭސް އުފައްދާ ކުންފުނިތަކާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ދައުވަތު ދެއްވައިފި އެވެ.

އެމަނިކުފާނު ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނިތަކަށް މިފަދަ ދަޢުވަތު ދެއްވާފައި މިވަނީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަޤުރީރުކުރައްވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައި، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ސާމާނަށް އޮތް ޑިމާންޑް ފުއްދުމަށްޓަކައި، ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ބޭސް އުފައްދާ ކުންފުނިތަކާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވި އެވެ.

އިޝްތިހާރު އިޝްތިހާރު

ބޯހިޔާވަހިކަމާއި، ބިން ހިއްކުމާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއެކު ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގ ކުންފުނިތަކަށް މި ތަރައްޤީގެ ބައިވެރިންނަށް ވުމަށް ދަޢުވަތު ދެއްވާފައެވެ. އެގޮތުން، އެފަރާތްތަކުގެ ތަޖުރިބާއާއި، ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ހަމައެއާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގައި ވުނަކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ފައިނޭންސާއި، ޙަލާލް އުފެއްދުންތަކާއި، ޙަލާލް ފަތުރުވެރިކަމަށް އޮތް ޑިމާންޑާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ޝަރީޢާ ކޮމްޕްލަޔަންޓް ފައިނޭންސިންގ އާއި، ސުކޫކް ދޫކުރުމާއި، ޙަލާލް ވެލިއު ޗެއިންތަކުގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް، ޕާކިސްތާނުގެ މާލީ އިދާރާތަކަށާއި ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ އެކްސްޕޯޓްކުރާ މަންޒިލެއްގެ ގޮތުގައި ނުދެކި، ބައިނަލްއަޤްވާމީ ބޮޑެތި މާކެޓްތަކަށް އުފެއްދުންތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުހިންމު މަންސައެއްގެ ގޮތުގައި ދެކުމަށް އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންވެސްޓަރުންނަށް ފަހި، ވިޔަފާރިއާ ރައްޓެހި ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.