ހއ. ދިއްދޫއަކީ، މާލެއިން އުތުރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. ދިއްދޫގެ އާބާދީއަކީ 5000 މީހުން ނަމަވެސް، ރަށުގައި ތަޢުލީމާ ޞިއްޙީ ފަރުވާ ފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންނާއެކު އާބާދީ 7000އިން މައްޗަށް އަރައެވެ.
އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކެކޭ އެއްގޮތަށް، ދިއްދުއަކީވެސް ރަނގަޅު ބޯހިޔާވަހި ކަމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ. ރައްޔިތުންނަސް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް މީގެ ކުރިންވެސް ހައުސިން މަޝްރޫޢުއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި 2022 ވަނަ އަހަރު ދިއްދޫގައި އިމާރާތް ކުރަން ފެށި 75 ރޯ ހައުސްގެ މަސައްކަތްތައް ވަނީ މިހާރު ނިންމާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ އެ ރޯހައުސްގެ ހުރިހާ މަސައްކަތްތަކެއްހެން ނިންމާލާފައިވާކަމަށާއި ހައުސިން މިނިސްޓްރީން މިހާރު އެތަންތަނުގެ އިންސްޕެކްޝަންވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ދިއްދޫ އަކީ ގެދޮރުވެރިކަމަށް ވަރަށް ބޯޑަށް ބޭނުން ޖެހިފައިވާރަށެއްކަން ފާހަގަކުރައްވާ އުސްމާން ވިދާޅުވީ 1100އަށް ވުރެ ގިނަ މީހުން 75 ރޯހައުސްއަށްވެސް ކުރިމަތިލާފައިވާކަމަށެވެ.
"މިހާރު ކުރިއަށްދަނީ މި ރޯހައުސްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ކަނޑައަޅެމުގެ މަސައްކަތް. މި ރަށަކީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެއް." ދިއްދީޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވިއެވެ.
ދިއްދޫގައި ކުރިއަށްގެންގޮސްފައިވާ ހައުސިން މަޝްރޫޢޫގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމު ހިމެނެއެވެ. މި މަސައްކަތް ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއިންނެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަަށް ހައްލެއް ހޯދުމުގެ ގޮތުން 2008ވަނަ އަހަރުވެސް އެރަށުގެ ބިން ހިއްކައި، 250 ރޯހައުސް އިމާރާތްކޮށް ރަށުގެ ރައްޔިތުންނަށް ދޫކުރިއެވެ. އަދި އެތަންތަނުގައި މިހާރުވެސް މީހުން އަންނަނީ ދިރިއުޅެމުންނެވެ. މީގެ އިތުރުން ދާދިފަހުން އެރަށުން ހިއްކާފައިވާ 112 ހެކްޓަރުގައި ބިމުންވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.