ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ، ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ޤައުމުގެ ކުރިއެރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަކަމުގެ ސާފު ހެއްކެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ލިބިވަޑައިގެންނެވި މި މަތިވެރި ޝަރަފަށް މަރުޙަބާ ދަންނަވަމުން ބުނީ، މިއީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށާއި، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅަށް ލިބުނު ބައިނަލްއަޤްވާމީ އިޢުތިރާފެއް ކަމަށެވެ. އަދި ދިވެހިން އިސްކުރައްވައިގެން އެމަނިކުފާނު ގެންގުޅުއްވާ ހަމަހަމަ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ޝަރަފަކާއި ފަޚުރެއް ކަމުގައިވެސް އެ ޕާޓީން ފާހަގަކުރިއެވެ.
މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ޕާކިސްތާނުގެ ރައީސް، އަދި އެ ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޗާންސެލަރ ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުން، ރައީސް މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީން ބަޔާންކުރި ގޮތުގައި، ރައީސް މުޢިއްޒަށް މި ޝަރަފު އަރުވަން ނިންމެވީ ޢާންމު ޚިދުމަތް ކުރިއެރުވުމަށާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ސަބަބުންނެވެ. އަދި އިސްލާމްދީން ކުރިއެރުވުމަށާއި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ އިތުރުން ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަކީ ޤައުމީ ޚިދުމަތުގައި ނަމޫނާއެއް ކަމަށް އެ ޔުނިވަރސިޓީން ފާހަގަކޮށްފައިވެއެވެ. މީގެކުރިން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ވެސް ވަނީ ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، 11 އަހަރަށްފަހު ދިވެހި ޒަޢީމަކު ޕާކިސްތާނަށް މި ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔުމަކީ އިސްލާމީ ޤައުމުތަކާއެކު ބަދަހި ގުޅުމެއް ބޭއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.